ސަރަހައްދީ ބަނދަރުތަކަށް ބާލާ މުދަލުގެ އަގު ހެޔޮ ނުވާ މައްސަލާގައި، ކަމާބެހޭ ކުންފުނިތައް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) އަށް ހާޒިރުކުރަން ނިންމައިފިއެވެ.

ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

މައްސަލައާއި ބެހޭގޮތުން ކޮމިޓީގެ މުގައްރިރު، އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، މުދާ އަގުހެޔޮ ނުވަނީ އެ ބަނދަރުތަކުން ނަގާ ފީތަކުގެ ސަބަބުން ކަމަށެވެ.

އެގޮތުން، ބަނދަރުތަކުގެ އޯފޭވް ޗާޖާއި ހޭންޑްލިން ޗާޖު މާލޭ ޕޯޓުން ނަގާ ޗާޖާ އެއްވަރުކުރުން ހިމެނޭ ކަމަށާއި، އޭގެ ސަބަބުން ޅުދުއްފުށްޓާއި އައްޑޫ ސިޓީ އާއި މާމިގިލީ ބަނދަރަށް ބާލާ މުދަލުގެ އަގުހެޔޮ ނުވާކަން އިލްޔާސް ފާހަގަ ކުރެއްވިއެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ، ސަރުކާރުގެ މަގުސަދަކީ އައްޑޫ ޕޯޓާއި ކުޅުދުށްފުށީ ޕޯޓު ހެޔޮ ގޮތުގައި ހިންގައި، ވިޔަފާރިވެރިންނަށް އެތަނަށް މުދާ ގެނެވޭނެ ގޮތް ހެދުން ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބޭނެ ގޮތް ވުމަކީ ސަރުކާރުގެ މަގުސަދެއް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މުދަލުގެ އަގު ހެޔޮ ކޮށްދިނުމަށްޓަކައި ގާނޫނުން ހޯދައިދޭން ޖެހޭ ބާރުވެރިކަން ހޯދައިދީ ޑިއުޓީ ކުޑަކޮށް އެކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެވިފައި ވާއިރުވެސް، އެކަން ހަވާލުކުރި ންފުނިތަކާއި އިދާރާތަކުން އެގޮތުގައި ކަންތައް ކުރަމުންދާތަން ނުފެންނަ ކަމަށާއި، އެތަންތަނަށް މުދާ ހިފައިގެން އަންނަ ބޯޓުތަކުން ނަގާ ފީތައް ބޮޑުކުރުމުން ސަރުކާރާއި މަޖިލީހުގެ މަގުސަދު ހާސިލު ނުވާކަމަށް ކޮމިޓީގެ މެމްބަރުން ވިދާޅުވިއެވެ.

އެހެންކަމުން އެކަންކަން ސާފުކޮށް އެކަން ހައްލުކުރަން ކުރެވިދާނެ ކަންތައްތައް ބެލުމަށް ޓަކައި ކަމާބެހޭ ކުންފުނިތައް ކޮމިޓީއަށް ހާޒިރުކުރުމަށް މެމްބަރު ނިހާދު ހުށަހެޅުއްވި ހުށަހެޅުއްވުމާ އެއްގޮތަށް އެކުންފުނިތައް ކޮމިޓީއަށް ހާޒިރު ކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.