ދިވެހިރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކުރި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މިމައްސަލާގައި ދައުވާ ކޮށްފައިވަނީ މއ. ރެސްޓިން ހައުސް، މުހައްމަދު އިނާދުގެ މައްޗަށެވެ.
ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، މިމައްސަލާގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާއި، 4 ވަނަ މާއްދާގެ (ށ) ގެ 2 ނަންބަރާއި، 4 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި ހަވާލާދީ، 13 ވަނަ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް މިދައުވާ ސާބިތުވެއްޖެނަމަ ހަތަރު އަހަރާއި ހައަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.
ވެހިރާއްޖޭގައި ގާއިމްކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމް ކަމަކަށް ވީހިނދު، ދިވެހިރާއްޖެއާއި އަވަށްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ކުރާ ކަންކަމަށް ހިތްވަރު ލިބޭގޮތަށް، އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުންދާ ދިއުމަކީ ފުލުހުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، މިމައްސަލައާއި ގުޅިގެން އެމްޑީޕީން އެ ޕާޓީގެ މެމްބަރު ކަމުން އޭނާ ވަކިކުރަންވެސް ނިންމާފައިވެއެވެ.