އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ފަށާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕުގައި ކުޅޭ މެޗުތަކުން ގައުމީ ޓީމު މޮޅުވާ ކޮންމެ މެޗަކަށް ހާއްސަ ބޯނަހެއް ދޭން ނިންމާފައިވާ ކަމަށް ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ސާފް ޗެމްޕިއަންޝިޕް ފެށެން ވަގުތު ކުޑަތަންވަމުން އަންނައިރު ބުރާސްފަތު ދުވަހުގެ މެންދުރު ރައީސް ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ބައްދަލުކުރައްވާފަ ހިތްވަރުދެއްވާފައެވެ.

ގައުމީ ޓީމާއި ރައީސް ބައްދަލުކުރެއްވުން- ފޮޓޯ:- ރައީސް އޮފީސް

ކުޅުންތެރިންނާ ވާހަކަދައްކަވަމުން ރައީސް ވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ކުޅުންތެރިންނަށް ދެމުން އައި އިނާމުގެ ފައިސާގެ ޢަދަދު މީގެ ކުރިން ބޮޑުކުރައްވާފައިވާކަމުގައި ވިދާޅުވެ، އިތުރު ހިތްވަރެއްގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާކަމުގައި ވިދާޅުވެފައެވެ.

ގައުމީ ޓީމާއި ރައީސް ބައްދަލުކުރެއްވުން- ފޮޓޯ:- ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަކީ ފުޓުބޯޅައަށް ލޯބިކުރާ ޤައުމެއްކަމަށާއި، ދިވެހިންގެ އުންމީދުތައް ގުޅިފައިވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމުގެ މައްޗަށް ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރުތަކާއި ކުޅިވަރު އިންފްރާސްޓްރަކްޗަރތައް ތަރައްޤީކުރުމަށް އިސްކަންދެއްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ޤައުމީ ފުޓްބޯޅަ ދަނޑު ބޭނުންވާ ޚިދުމަތްތަކާއެކު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެބައޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމީ ޓީމާއި ރައީސް ބައްދަލުކުރެއްވުން- ފޮޓޯ:- ރައީސް އޮފީސް

އަދި ކޮވިޑުގެ ހާލަތުގައި ފުޓުބޯޅައަށްވެސް ބޮޑު އަސަރެއް ކޮށްފައިވާކަމަށާއި، ދަތިތަކާއެކުވެސް ލިބުނު ކުރު މުއްދަތުގެ ތެރޭގައި ޓީމު މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ސްރީ ލަންކާ އާއި ބަންގްލަދޭޝް އެވެ. އަދި މާދަން ރޭ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާއިރު މި ރަސްމިއްޔާތަށްފަހު ރާއްޖޭގެ ގައުމީ ޓީމުން ނޭޕާލް އާއި ދެކޮޅަށް ނުކުންނާނެއެވެ.

ރާއްޖެ އަކީ މި މުބާރާތުގެ ޑިފެންޑިންގ ޗެމްޕިއަނުންނެވެ. މުޅިން އަލަށް މި މުބާރާތް ރާއްޖެއިން އެކަނި ހޯސްޓު ކުރާއިރު ރާއްޖެއިން ވަނީ ދެފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފައެވެ. އެއީ 2008 ވަނަ އަހަރުގެ މުބާރާތާއި 2018 ވަނަ އަހަރުގެ މުބާރާތެވެ.