އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ މޮބައިލް އިންޓަނެޓް ޕެކޭޖްތައް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑްވްސްއިން އެޕްރޫވްކޮށްފައިވާ ގޮތަށް ބަދަލުތައް ގެންނަން ނިންމާފައިވާކަމަށް ދިރާގުން ބުނެފިއެވެ.

އަލަށް ގެންނަ ބަދަލުތަކާއެކު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކަށް 29 އިންސައްތައާ ހަމައަށް އިތުރު އެލަވަންސް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ. އެހެންކަމުން، ޑޭޓާގެ އަގު 22 އިންސައްތައާ ހަމައަށް ހެޔޮ ވެގެންދާނެއެވެ. ހަމައެއާއެކު، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކަށް 36 އިންސައްތަ އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ.

އެގޮތުން، ކޮމްބޯ ޕްލޭންގެ ޑޭޓާގެ އަގު 33 އިންސައްތައާ ހަމައަށް ހެޔޮވެގެންދާނެއެވެ. މީގެއިތުރުން، އެލްޓީއީ ބްރޯޑްބޭންޑް "ވަގުތުން ގެއަށް އިންޓަނެޓް" ޕެކޭޖްތަކަށް 30 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބުމުގެ އިތުރަށް އިންޓަނެޓްގެ ސްޕީޑް 10 އެމް.ބީ.ޕީ.އެސް އިން 25 އެމް.ބީ.ޕީ.އެސް އާ ހަމައަށް އިތުރު ވެގެންދާނެކަމަށް ދިރާގުން ބުނެއެވެ.

މޮބައިލް އިންޓަނެޓް ޕްކޭޖްތަކަށް މި އަންނަ ބަދަލުތައް 1 އޮކްޓޯބަރ 2021 ގެ 00:00 އިން ފެށިގެން ކަސްޓަމަރުންނަށް ލިބެން ފަށާނެއެވެ. އަދި 1 އޮކްޓޯބަރ ގެ 06:00 އަށް ހުރިހާ ކަސްޓަމަރުންނަށްވެސް މި ބަދަލުތައް ފެންނާނެއެވެ. ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެކަމަށް އެކުންފުނިން ބުނެއެވެ.