ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތަށް ދައްކަވަން ޖެހިވަޑައިގަންނަވާ ފަސް މިލިއަން ޑޮލަރު ދެއްކުމަށް އަމުރުކޮށްދިނުމަށް އެދި އެޓާނީ ޖެނެރަލް އޮފީހުން ސިވިލް ކޯޓުގައި އުފުލި ދައުވާގެ އަޑުއެހުން އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ބާއްވަން ތާވަލްކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، ކުށުގެ އުގޫބާތެއްގެ ގޮތުން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ.

އޭޖީ އޮފީހުން އެ މައްސަލަ ހުށަހެޅީ ޓެކްސް ނޫނީ ދައުލަތަށް ލިބެން ޖެހޭ އެހެނިހެން ފައިސާ، އެ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާ ނަމަ އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ދައުވާ ކުރުމުގެ އިހްތިޔާރު އޭޖީ އޮފީހަށް ލިބިގެންވާ ކަމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ބުނާ މާއްދާގެ ދަށުން ފަސް މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކެވުމުގެ އަމުރެއް ނެރެދިނުމަށް އެދިއެވެ.

ހަމައެހެންމެ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް މި އަހަރުގެ ޖޫން މަހު މީރާ އިން ވެސް ވަނީ އެދިފައެވެ. އަދި، މީރާއީން ރައީސް ޔާމީނަށް ނޯޓިސް ފޮނުވި ނަމަވެސް އެ ނޯޓިސްގައިވާ މުއްދަތުގައިވެސް ފައިސާ ދައްކާފައި ނުވާ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެ މައްސަލައިގެ ހުކުމް ތަންފީޒު ކުރުމުގެ ފުރަތަމަ އަޑުއެހުން އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހަށް ތާވަލް ކޮށްފައިވާކަމަށް ސިވިލް ކޯޓުން އަންގާފައިވާ ކަމަށެވެ.

ހުކުމްގައި ފައިސާ ދެއްކުމަށް ހިމަނާފައިވާ ބައި ތަންފީޒު ކޮށްދިނުމަށް އެދި، އޭޖީ އޮފީހުން އެ މައްސަލަ ސިވިލްކޯޓަށް ހުށަހެޅީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ.