މުބާރާތުގެ ކުރިން ނޭޕާލުން އިންޑިއާ އާއި ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އައުން އެއީ އެޓީމަށް ލިބޭ އެޑްވާންޓޭޖެއް ކަމަށް ގައުމީ ޓީމުގެ ހެޑް ކޯޗް، އަލީ ސުޒެއިން ވިދާޅުވެއްޖެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި މާދަމާރޭ ނޭޕާލާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސުޒެއިން ވިދާޅުވީ އިންޑިއާ ފަދަ ވަރުގަދަ ޓީމަކާދެކޮޅަށް ކުޅެން ލިބުމަކީ ނޭޕާލަށް ލިބުނު އެޑްވާންޓޭޖެއް ކަމަށެވެ.

"އަޅުގަނޑު އެ ދެމެޗުވެސް ބަލާލިން. މުބާރާތުގައި އޮތް އެންމެ ވަރުގަދަ ޓީމަކީ އިންޑިއާ ކަމަށް އެންމެންވެސް ގަބޫލުކުރާނެ. އެހެންވީމަ އިންޑިއާ އާއި ދެކޮޅަށް ކުޅެފަ އައުން އެއީ ނޭޕާލަށް އެޑްވާންޓޭޖެއް ހަމަ".
އަލީ ސުޒެއިން

އެހެންނަމަވެސް ސުޒެއިން ވިދާޅުވީ ރާއްޖެއިން މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި އޮތުމުން ނޭޕާލަށް ލިބުނު އެޑްވާންޓޭޖަކީ ރާއްޖެއަށް ލިބޭ ޑިސްއެޑްވާންޓޭޖަކަށް ނުވާނެ ކަމަށެވެ.

"އިންޑިއާ އާއި ދެކޮޅަށް ކުޅެފަ އޮތީމަ ކޮންމެވެސް އެޑްވާންޓޭޖްތަކެއް އޮންނާނެ. އެއީ އެމީހުންގެ ކަމެއް. އެހެންނަމަވެސް އަޅުގަނޑުމެން އެޔަށް ތައްޔާރުވެލީމަ އޭގެއިން މާބޮޑު ޑިސްއެޑްވާންޓޭޖެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވޭ".
އަލީ ސުޒެއިން

ފުރަތަމަ ފަހަރަށް ރާއްޖެއިން އެކަނި މިމުބާރާތް ހޯސްޓު ކުރާއިރު މިފަހަރުގެ މުބާރާތަށް ރާއްޖެއިން ނުކުންނާނީ 100 އިންސައްތަ ދިވެހި ކޯޗިންގ ސްޓާފުންގެ ޓީމަކާއެކުއެވެ. އެގޮތުން ހެޑް ކޯޗެއްގެ ގޮތުގައި ސުޒެއިން ހަރަކާތްތެރިވާއިރު އެސިސްޓަންޓް ކޯޗަކީ އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. ގޯލް ކީޕަރު ޓްރެއިނަރެއްގެ ގޮތުގައި އަސްލަމް އަބްދުލް ރަހީމް ހަރަކާތްތެރިވާއިރު އެސިސްޓަންޓް ގޯލް ކީޕަރު ޓްރެއިނަރެއްގެ ގޮތުގައި ރާއްޖޭގެ ކުރީގެ އެއް ނަމްބަރު ކީޕަރު އިމްރާން މުހައްމަދު މަސައްކަތް ކުރާނެއެވެ.

އަމިއްލަ ފަސްގަނޑުގައި މުބާރާތުގެ ޓްރޮފީ އުފުލާލުމަށް ރާއްޖެއިން އަޒުމު ކަނޑައަޅާފައިވާއިރު ގައުމީ ޓީމުން ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕުކޮށް، އެގައުމުގެ ދެ ކުލަބަކާއެކު އެކުވެރި ކަމުގެ މެޗުތަކެއް ކުޅެފައެވެ.