ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ގަތަރުގައި ކުރި ކޭމްޕުގެ ސަބަބުން ޓީމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެ ވަރުގަދަވެއްޖެ ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) ބުނެފިއެވެ.

މާދަމާރޭ ނޭޕާލާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަކޫ ބުނީ ކުރިއާ ހިލާފަށް މި ކޭމްޕުގެ ސަބަބުން ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށާއި ބޮންޑު ވަރުގަދަވެއްޖެ ކަމަށެވެ.

އަދި މި ކޭމްޕުގެ ފައިދާ މުބާރާތުގައި ފެނިގެންދާނެ ކަމަށާއި އުންމީދުކުރަނީ މި މުބާރާތް ކާމިޔާބު ކުރުން ކަމަށް އަދި ކުރިއަށް ދާނީވެސް އެ އަޒުމުގައި ކަމަށް، 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އެޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެންވެސް ކުޅުނު ގޯލްޑް ކެޕްޓަން އަކޫ ބުންޏެވެ.

"ކުރިއެކޭ ހިލާފަށް އެއްކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ މެދު އޮތް ގުޅުން ބަދަހިވެފަ މިވަނީ. ގަތަރުގަ ކުރި މި ކޭމްޕުގެ ތެރެއިން އަޅުގަނޑުމެންގެ ބޮންޑު އިތުރަށް ވަރުގަދަވެފަ މިވަނީ. ﷲ އިރާދަފުޅުން މިމުބާރާތުގަ އެކަން ފެނިގެންދާނެ. އަޅުގަނޑުމެން އެންމެންވެސް މި ނުކުންނަނީ ދިވެހިރާއްޖެ އަށް މިކަން ކާމިޔާބުކުރަން. އެހެންވީމަ އެގޮތުގަ އަބަދުވެސް ކުރިއަށް ގެންދާނީ"
ކެޕްޓަން އަކުރަމް އަބްދުލްޣަނީ

ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ގައުމީ ޓީމުން ގަތަރުގެ ވެރިރަށް ދޯހާގައި ކޭމްޕު ކޮށްފައިވާއިރު ގައުމީ ޓީމުން ގަތަރަށް ފުރީ 30 ކުޅުންތެރިންގެ ސްކޮޑަކާ އެކުއެވެ. އެހެންނަމަވެސް ކޭމްޕު ނިންމާލާ އެނބުރި ރާއްޖެ އައީ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑަކާ އެކުއެވެ. އަދި މާލެ އައުމަށްފަހު އަނިޔާގެ ސަބަބުން މި 23 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނުނު އަލީ ހައިޝަމް (ޗުމްޕު) އާއި މުހައްމަދު ނާއިމް ސްކޮޑުން ބާކީކުރިއިރު މޫސާ ޔާމީން (ޔާމްބެ) ވަނީ ސްކޮޑަށް އަލުން ނަގާފައެވެ.

ނޭޕާލާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހުއެވެ.