ފަރަންސޭސި ކުރީގެ ރައީސް ނިކޮލަސް ސާރކޯޒީ އެއް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ސާކޯޒީ ޖަލަށްލާން ހުކުމްކުރީ، 2012 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ކުރެއްވި ކެމްޕެއިނަށް ގަވާއިދާ ޚިލާފަށް ޚަރަދު ކުރެއްވި ކަމުގެ ކުށް ސާބިތުވެގެންނެވެ.

އެ އިންތިޚާބުން ސާކޯޒީވަނީ ބަލިވެވަޑައި ގެންފައެވެ.

ނިކޮލަސް ސާކޯޒީ ވެވަޑައިގެންފައިވަނީ، ފަރަންސޭސި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދެފަހަރަށް ޖަލު ހުކުމަކާ ކުރިމަތިވަޑައިގެންެވި ފުރަތަމަ ވެރިޔާއަށެވެ.

ހުކުމް އިއްވަމުން ކޯޓުގެ ފަނޑިޔާރު ވިދާޅުވީ، އިންތިޚާބުގެ ކެމްޕެއިނަށް ޚަރަދު ކުރެވޭނީ ކިހާ މިންވަރެއްގެ ފައިސާކަން ސާކޯޒީއަށް އެނގިވަޑައި ގަންނަވާ ކަމަށާއި، އެ އަދަދު އިތުރު ނުކުރެވޭނެ ކަމަށްވެސް އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

މިމައްސަލާގައި ސާކޯޒީ އެއް އަހަރަށް ޖަލަށްލާން ހުކުމް ކުރައްވަމުން ފަނޑިޔާރު ވިދާޅުވީ، ސާކޯޒީ ބޭނުންފުވާނަމަ އިލެކްޓްރޯނިކް ޓެގެއް އަޅުއްވައި ޖަލު ހުކުމް ގޭގައި ފުރިހަމަ ކުރެއްވިދާނެ ކަމަށެވެ.

ނިކޮލަސް ސާކޯޒީގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް މިއަހަރުގެ މާޗްމަހު އިއްވާފައިވާ،، ސާކޯޒީގެ މައްޗަށް އެ ފަހަރު ސާބިތުވީ ކޮރަޕްޝަނާއި، ނާޖާއިޒް ނުފޫޒު ބޭނުން ކުރެއްވި ކަމުގެ ކުށެވެ.

ސާކޯޒީގެ ފަރާތުން މިމައްސަލަ އިސްތިއުނާފް ކޮށްފައިވާއިރު، މިފަހަރު ހިންގި ޝަރީއަތްވެސް ކުރިއަށް ގެންދިއުން ހުއްޓުވޭތޯ އޭނާ ވަރަށް މަސައްކަތް ކުރެއްވި ކަމަށް، ފަރަންސޭސި މީޑިއާއިން ރިޕޯޓް ކޮށްފައިވެއެވެ.

ޖަލު ހުކުމްތައް ކުރިމަތިވެވަޑައި ގެންނެވި ނަމަވެސް، ނިކޮލަސް ސާކޯޒީއަކީ ފަރަންސޭސި އާންމުންގެ މެދުގައި ވަރަށް މަގްބޫލް ލީޑަރެކެވެ.