ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް، ޖެޓްސްކީގައި ދަތުރުކޮށް ރެކޯޑެއް ގާއިމްކުރުމަށް މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އިން ފަށާފައިވާ ދަތުރަށް އިތުރު ގޮންޖެހުމެއް ކުރިމަތިވެއްޖެއެވެ.

މީގެކުރިން މޫސުމުގެ ސަބަބުން ދަތުރަށް ހުރަސްއެޅި، މެދުކަނޑާލަންވެސް ޖެހިފައިވާއިރު މިއަދު ރައިޑަރުން ލ. މާމެންދޫ އިން ގއ. ނިލަންދޫ އަށް ދަތުރުކުރަމުން ދަނިކޮށް، ހުވަދޫ ކަނޑުގައި އެއް ޖެޓްސްކީ އެއް ދިޔަވެ ދަތުރަށް ވަނީ ހުރަސް އެޅިފަ،،

މީގެކުރިން ރައިޑަރުން މިއަދު ގއ. ގދ އަދި ޏ އަތޮޅަށް ދަތުރުކުރުމަށް ތާވަލުކޮށްފައިވީނަމަވެސް ޖެޓްސްކީ އަށް ކުރިމަތިވި މައްސަލަ އާއިއެކު ދަތުރުގެ ބައިވެރިން ވަނީ ނިލަންދޫގައި މަޑުކޮށްފައެވެ.

މި ދަތުރުގައި ބައިވެރިވާ ވީނިއުސްގެ ޖާނަލިސްޓް މައުލޫމާތު ދިންގޮތުގައި ޖެޓްސްކީ އެއް މައްސަލަޖެހި އެ ޖެޓްސްކީ ދިޔަވާން ފެށުމުން ގިނަ އިރުތަކެއް ކަނޑުމަތީގައި ރައިޑަރުން ހޭދަކުރަން ޖެހުނެވެ.

އެހެންނަމަވެސް މި އިވެންޓުގެ މީޑިއަރ ކޯޑިނޭޓަރ އަދި ރައިޑަރ، ޝާމިލް ވީނިއުސް އާއި ވާހަކަދައްކަވަމުން ވިދާޅުވީ މިހާރު ޖެޓްސްކީ މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް ބާރުމިނުގައި ކުރަމުންދާ ކަމަށާއި، މާދަމާ އަލުން ދަތުރު ފަށާ މަންޒިލްތަކަށް ވާސިލް ވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

'މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021 ނޯތު ޓު ސައުތު'މިދަތުރު ފަށާފައި ވަނީ ހއ. ތުރާކުނުން މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:30 ގައެވެ.

މިދަތުރު ފެށުމަށް ޖެޓްސްކީ ރައިޑަރުންނާއި ތަޅުދަނޑި ހަވާލުކޮށްދެއްވީ ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފް އެވެ.

މި ދަތުރު ފެށުމުގެ ކުރިން ތުރާކުނުގައި އިވެންޓެއްވެސް ބާއްވާފައިވެއެވެ. މި އިވެންޓުގައި ރަށުގެ ކުޑަކުދިންނަށް ޖެޓް ސްކީ އާއި ވޯޓަރ ސްޕޯޓްސް އާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ކިޔާދީފައިވާއިރު ބައެއް ކުދިންނާއެކު ޖެޓްސްކީ ދުއްވާފައިވެސް ވެއެވެ.

ފަތުރުވެރިކަމުގެ ދުވަހަށް ހާއްސަކޮށް ކުރާ މި ތާރީހީ މިދަތުރުގެ އެންމެ ފަހުގެ މައުލޫމާތުތަކާއި ދަތުރުގެ ޚަބަރުތައް ވީނިއުސް އިން ގެނެސްދޭނެއެވެ. އެގޮތުން ވީޓީވީގެ ކުޅިވަރު ހަބަރުތަކުގައި އާއި ވީނިއުސްގެ ވެބްސައިޓުން މި މައުލޫމާތުތައް ފެންނަން ހުންނާނެއެވެ. މި އިވެންޓުގެ މީޑިއާ ޕާޓްނަރަކީ ވީމީޑިއާ އެވެ.