ޝޫޖިތް ސިރްކާރު ޑައިރެކްޓްކޮށް ރޮންނީ ލެހެރީއާއި ޝީލް ކުމާރު ޕްރޮޑިއުސް ކޮށްފައިވާ ފިލްމް "ސަރްދާމް އުދަމް" އަންނަ މަހުގެ 16 ގައި ރިލީޒްކުރުމުގެ ތައްޔާރު ވެއްޖެއެވެ.

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ކަމުގައި ދަ އިންޑިއަން އެކްސްޕްރެސްގައިވެއެވެ.

މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީ ކޯޝަލް ވަނީ ފިލްމުގެ ޓީޒާއެއް ވެސް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ޕޯސްޓްކޮށްފައެވެ.

ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ގެނެސްދޭ ގޮތަށް އިއުލާންކުރި "ސަރުދާރު އުދަމް" އަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރި ޝަހުސިއްޔަތެއްގެ ވާހަކަ ކިޔައިދޭ ވަތަނީ ފިލްމެކެވެ.

2019 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ވެސް ކުޅުނު ވިކީ، ގެ އައު ފިލްމުގައި ކުޅުނު ސަރުދާރު އުދަމް ސިންގްގެ ކެރެކްޓާ އަކީ 1919 ގައި އިންޑިއާގެ އަމްރިތުސަރުގެ ޖަލިއަންވާލާ ބާގްގައި އިނގިރޭސީންނާ ދެކޮޅަށް ހިންގި ގަތުލްއާންމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން މިނިވަން ކަމަށް މަސައްކަތްކުރި ބަތަލު އުދަމް ސިންގް އިނގިރޭސިވިލާތުގެ ލަންޑަނުގައި މަރާލި ހާދިސާ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

"ސަރުދާރު އުދަމް" ގެ ކާސްޓްގައި 2018 ވަނަ އަހަރު ޝޫޖިތު ޑައިރެކްޓް ކޮށްފައިވާ ފިލްމު "އޮކްޓޯބާ" ގެ ބަތަލާ ބަނީތާ ސަންދޫ އާއި އަމޯލް ޕަރްޝާރް ވެސް ހިމެނެއެވެ.

މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ވިކީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ކުރީކޮޅު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން ބިރުވެރި ފިލްމު "ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް"އެވެ.

ބެލުންތެރިންގެ މަޤްބޫލުކަން ހޯދަމުން އަންނަ ވިކީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މިސްޓަ ލޭލޭ" އާއި "ދަ ގްރޭޓް އިންޑިއަން ފެމިލީ" އަދި "ސޭމް ބަހާދޫރު" ހިމެނެއެވެ.