ގައުމެއްގެ އެންމެ ބޮޑު ރައުސްމާލަކީ އެގައުމެއްގެ ޒުވާނުންނަށް ވީފަދައިން އެގައުމެއްގެ އެންމެ އަގުބޮޑު ހަޒާނާއަކީ އެ ގައުމެއްގައި ދިރިއުޅެމުންދާ ދޮށީ އުމުރުގެ މީހުންކަން ޔަގީނެވެ.

ދޮށީ އުމުރުގެ މީހުންނަކީ އެންމެންގެވެސް ގަދަރާއި ލޯބި ލިބެންޖެހޭ މީހުންކަމާއި މެދު ދެބަސްވެވޭކަށް ނެތެވެ. ދޮށި އުމުރުގެ މީހުންނަށް އެހާ ބޮޑު ގަދަރެއް ދޭންޖެހެނީ އެމީހުންގެ ހަޔާތުގައި ލިބިފައިވާ ތަޖުރިބާތަކާއި ގައުމަށް ކޮށްދެއްވާފައިވާ އަގު ނުކުރެވޭފަދަ ޚިދުމަތްތަކުގެ ސަބަބުންނެވެ.

އެހެންކަމުން ގައުމު ބިނާކޮށް ކުރިއަށް ގެންދިއުމުގައި އެމީހުންގެ ހިއްސާ މިއަދުވެސް ނުލާހިކު ބޮޑުކަން ޔަގީނެވެ.

އުމުރުން ދުވަސްވީ މީހުންގެ ދުވަސް މިއަދު ފާހަގަ ކުރަމުން ދާއިރު މި ރިޕޯޓުގައި މިބަލާލަނީ ރާއްޖޭގެ ދެކުނުގެ ރަށަކަށް ނިސްބަތްވާ ފާހަގަކޮށްލެވޭ ނަމޫނާ ކަނބަލަކަށެވެ. އަހުމަދު ދީދީ އާއި ހައްވާ ރަނިޔަގެ އައިސާފުޅުގެ ތިންވަނަ އަންހެން ދަރިފުޅު އާމިނަތު ސޫދާ މީދޫ މީހުންގެ ބަހުން ނަމަ ސޫދައްތާ އަކީ މިފަދަ ހިވާގި މުރާލި ހިތްވަރުގަދަ ކަނބަލެކެވެ.

ސޫދައްތާގެ މަންމަ އައިސާފުޅުއަކީ މޮޅު ފޫޅުމައަކަށްވީ ހިނދު މުޅި އާއިލާގައިވެސް ތިބީ ފޫޅުމައިންނާއި، ދިވެހިބޭސްވެރިންނެވެ. ސޫދައްތާގެ މަންމަ އައިސާފުޅަކީ މާލޭގެ މަޝްހޫރު ފޫޅުމައެކެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ދަރިކަނލުން އަހްމަދު ނާސިރު އާއި މާލޭގެ މަޝްހޫރު ތުއްތުދޮން ސިއްތީގެ ކުދިން އަދި ކުރީގެ ރައީސް އަމީން ދީދީގެ ކުދިން ވިއްސުމުގައި އެންމެ ކުރީގައި ހަރަކާތްތެރިވި އެކަކީ ސުދާއްތާގެ މަންމަ ހައްވާރަނިޔަގެ އައިސާފުޅުއެވެ.

މަންމަގެ ކިބައިން ކުދިންނަށް ބޭސްވެރިކަން ވާރުތަ ވެގެންއައި، ސޫދައްތާގެ އުމުރުން 25 އަހަރުން ފެށިގެން ދިވެހި ބޭސް ވެރިކަންކުރުމާއި މީހުން ވިއްސުމުގައި ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

"ވީނިއުސް" އައީ ވާހަކަ ދައްކަމުން ސުދާއްތާ ބުނީ އެ މަސައްކަތް ދަސްވީ މަންމަ ބޭސްވެރިކަން ކުރާތަން ބަލައިގެން ކަމަށާއި ދެން ފަހުން މަންމަ ބަލިވެ އެ މަސައްކަތް ހުއްޓާލީމަ އަމިއްލައަށް ބޭސްވެރިކަމުގެ މަސައްކަތް ކުރަން ފެށީ ކަމަށެވެ. ފޫޅުމައިންގެ އެހީތެރިއެއްގެ ގޮތުގައި 20 އަހަރު ސޫދާއްތާ ގައުމަށް ހިދުމަތްކޮށްދީފައިވެއެވެ.

ބޭސްވެރިކަމުގެ ރޮނގުން ރާއްޖެއަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނެތް ޒަމާނުގައިވެސް ކުދިން ވިހައިގެން ދޭ ހިލިބޭސް ހެދުމާއި ބޮނޑިތާން ދެމުމުގައި ސޫދައްތަ އަކީ އަރާހުރި މޭސްތިރިއެކެއެވެ. އޭރު މީދޫގައި ކުއްޖަކު ވިހައިފިނަމަ ސޫދައްތަގެ ބޭސް ނުލިބޭ މީހަކުނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މާމަގެ ދިވެހި ބޭހާއި ތެލަކީ މަޝްހޫރު އެއްޗެއް. ކުޅިވަރުކުޅެން އުޅޭ ޒުވާނުންގެ ތެރޭގައިވެސް މަދުވާނެ މާމަ ކައިރިއަށް ފަރުވާ ހޯދަން ނާންނަ މީހަކު. ކުޅިވަރު ކުޅެގެން ލިބޭ އަނިޔާތަކަށް ފަރުވާ ހޯދަން އަތޮޅުގެ އެހެން ރަށްރަށުންވެސް މީހުން މާމަ ކައިރިޔާށް އާދޭ. މާމައަކީ އެ ޒަމާނުގައި ޖެހުނު ކޮންމެ މަސައްކަތެއް ހިތްވަރާއި އެކު ކެރިގެން ކުރި ހީވާގި ކަނބަލެއް. ކުއްޖަކު ދުނިޔެއަށް އައުމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއްގެ އިތުރަށް ކަށުކަމާކެމީގެ ކަންތައްތައްވެސް މާމަ ވަނީ ކޮށްފަ."
ސޫދައްތަގެ މާމަ ދަރިފުޅު ޝަފާ

ޒުވާން ދުވަސްވަރު ފިރިމީހާ މަރުވެފައިވީ ނަމަވެސް ސޫދައްތާގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. ކުދިން ބަލައި ބޮޑުކުރީ އަމިއްލައަށް މަސައްކަތްކޮށް ލިބުނު އާމްދަނީންއެވެ. ކުދިންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދޭން ބުރަ މަސައްކަތް ކުރި ސޫދާއްތަ ވަނީ ގޭތެރޭގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއްވެސް ކޮށްފައެވެ.

އެއީ ވަޅުދިޔަ ހިއްކުމާއި ގޭގެ ފުރާޅު ބަދަލުކުރަން ޖެހެނުނަމަވެސްމެއެވެ. ދިރިއުޅުމަށްޓަކައި ބުރަ މަސައްކަތްކޮށް އަބުރުވެރި ދިރިއުޅުމެއް އުޅެމުން އަންނަ އުމުރުން 89 އަހަރުގެ ސޫދައްތާއަށް މިހާރުވެސް ގޭތެރޭގައި މަސައްކަތެއް ނުކޮށް ހުރުމަކީ އުދަގޫ ކަމެކެވެ.

ސޫދައްތާގެ ޅައުމުރުގައި ކައިވެންޏެއްކޮށް 5 ކުދިން ލިބުނުއިރު މިހާރު ދުނިޔޭގައި ތިބީ އޭގެ ތެރެއިން ތިން ކުދިންނެވެ.

ސޫދައްތައަށް މާމަކިޔާ 9 ކުދިން ދުނިޔޭގަ ތިބިއިރު މުނިމާމަކިޔާ 13 ކުދިން އެބަތިއްބެވެ. އަދި ސޫދައްތަ އަކީ އައްޑު މީދޫ ދާއިރާގެ ރައްޔިތުންގެ މަޖަލީސް މެމްބަރު ރޮޒައިނާ އަދަމްގެ ބޮޑު ދައްތައެވެ.

ސޫދައްތައަކީ ރަށުގެ އެންމެނާ ގުޅޭ ހިތްހެޔޮ ހީވާގި ކަނބަލެކެވެ. ދޮށީ އުމުރުގެ މީހުންގެ ދުވަހެއް ފާހަގަކުރަމުންދާއިރު އައްޑޫ މީދޫ ރައްޔިތުން އެދެނީ ސޫދައްތައަށް އަދަށްވުރެ ފެހި މާދަމާއަކަށެވެ.