ރާއްޖޭގައި ދިނީ މިނިވަންކަން ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު މަޖިލިސް ތަޅުމުގައި ދެއްކެވި ވާހަކަތައް ގާފަރު ކައުންސިލުން ކުށްވެރިކޮށްފިއެވެ.

ގާފަރު ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކެއް އެ ދާއިރާގެ މެންމްބަރުގެ ފުށުން ފަހަކަށް އައިސް ފެންނަމުން ދިއުމީ އެ ކައުންސިލުން ނުހަނު ހިތާމަކުރާ ކަމެއް ކަމަށެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ގާނޫނު އަސާސީގައި ސާފު ދިވެހި ބަހުން ލިޔެ ބަޔާންކޮށްފައިވީހިނދު، އަދި އިސްލާމްދީނަށް ކުޑައިމީސްވާ މޭރުމުން ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭފަދަ ގާނޫނާ ހިލާފު ވާހަކަ ދެއްކުމަކީ އަދަބު ލިބޭނެ ކުށެއްކަމަށް ގާނޫނުތަކުގައި ބަޔާންކޮށްފަވާއިރު ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށާއި ޣައިރު ދީންތަކުގެ މީހުންނަށް އަޅުކަންކުރެވޭނެ ތަންތަން ހަދައި ފާޅުގައި އަޅުކަންކުރެވެންވާނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދެއްކެވި ވާހަކައަކީ ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމެއްކަމަށް ކައުންސިލުން ބުނެއެވެ.

ގާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒްތަކުގެ ދަށުން މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ދައްކާ އެއްވެސް ވާހަކައަކާ ގުޅިގެން ތަހުގީގެއް ހިންގައި، ދައުވާކޮށް، ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، މި އިމްތިޔާޒުތަކަކީ އެއްވެސް ހައްދެއް ހިފެހެއްޓުމެއްނެތި ދީފައިވާ އިމްތިޔާޒުތަކެއް ނޫން ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އަދި ދިވެހި ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެގައި މެންބަރަކު، އިސްލާމްދީނުގެ އުސޫލުތަކާއި އަސްލާއި ހިލާފު، ދީނީ ބައިބައިވުންތަކަށް މަގުފަހިވާފަދަ ފިތުނަވެރި ވާހަކަތަކެއް ދެއްކެވުމަކީ އަދި އެފަދަ ވާހަކަތައް ދެއްކެވުމަށް މަޖިލީހުން ފުރުސަތު ދިނުމަކީ އެއީ އެދާއިރާގެ މެމްބަރުކަމުގައި ވީނަމަވެސް އެކަންކަމަކީ ކައުންސިލަށް ބަލައިގަނެވޭނެ ކަމެއްނޫން."
ގާފަރު ކައުންސިލްގެ އިދާރާ

މީގެ އިތުރަށް ގާފަރު ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ އާއްމު އިޖުތިމާއީ މިންގަނޑުން ނެއްޓި އަޚްލާގީ ގޮތުން ދަށުދަރަޖައިގެ އަމަލުތަކެއް މި ދާއިރާގެ މެންބަރުޢަބްދުﷲ ޖާބިރުގެ ފަރާތުން ފަހަކަށް އައިސް ފެންނަމުންދާކަން އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޖާބިރު ދެއްކެވުމަކީހަ އްދުން ބޭރުންވުން ކަމުގައި ކައުންސިލުން ދެކޭކަން ފާހަގަކޮށް ކައުންސިލުން ވަނީ ކަމާބެހޭ ފަރާތްތަކުން މިފަދަ ކަންކަމުގައި ފިޔަވަޅުނާޅާ ދޫކޮށްލުމަކީ ކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު އަދި މިކަމުން ނުކުންނާނެ ނަތީޖާއާއި މެދު ފުންކޮށް ވިސްނަންޖެހޭ ކަމެއްކަމުގައި އެކައުންސިލުން ދެކޭ ކަމަށް ބުނެފައެވެ.

މެމްބަރު ޖާބިރު ދެއްކެވި ވާހަކަތައް ތަހްގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށް ގާފަރު ކައުންސިލުން ވަނީ ގޮވާލާފައެވެ.