ދުބާއީ މޯލްގެ 384 ސްކްރީންގައި ރާއްޖޭ އިޝްތިހާރުކުރަން ފަށައިފިއެވެ.

މިއީ އެކްސްޕޯ 2020 އާއި ގުޅިގެން ރާއްޖޭގެ ވިޒިބިލިޓީ އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންދާ ކެންޕެއިނެކެވެ. މި ކެންޕެއިން އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މިކެންޕެއިން ކުރިއަށް ގެންދަނީ ހަ މަސް ދުވަހުގެ މުއްދަތަށް ދުބާއީގައި ބާއްވާ އެކްސްޕޯ 2020 އާއި ދިމާކޮށެވެ. މި ކެންޕެއިންގެ މަގްސަދަކީ އެކްސްޕޯގައި ރާއްޖެއިން ޤާއިމްކޮށްފައިވާ ޕެވިލިއަން އިޝްތިހާރުކޮށް، މި ޕެވިލިއަންއަށް ވީހާވެސް ގިނަ ބައެއް ޒިޔާރަތްކުރުމަށް ބާރުއެޅުންކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ރާއްޖެއަކީ ރައްކާތެރި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި، ދުބާއީގެ މަތީ ފަންތީގެ ފަތުރުވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކާއި، އެކްސްޕޯއަށް ދުބާއީއަށް ދަތުރުކުރާ އެހެން ޤައުމުތަކުގެ ޑެލިގޭޓުންނަށް އިޝްތިހާރުކުރުމަކީވެސް މި ކެމްޕެއިންގެ އަމާޒެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މިކެންޕެއިންގެ ތެރެއިން ދުބާއީ މޯލްގެ އެކި ހިސާބުތަކުގައި ބަހައްޓާފައިވާ 384 ސްކްރީންތަކެއްގައި ރާއްޖޭގެ ޕްރޯމޯ ވީޑިއޯއެއް ދައްކާނެއެވެ. މި ވީޑިއޯގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި އެކްސްޕޯގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ނެގޭ 100 ފަރާތަކަށް "ޑޭސް އޮފް ފްރީ ހޮލިޑޭސް" އިޝްތިހާރު ކުރެވޭނެއެވެ.

ދުބާއީ މޯލްއަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އެތަނަކަށް ޒިޔާރަތްކުރާ މޯލެވެ. 2019 ވަނަ އަހަރުވެސް މި މޯލަށް 84 މިލިއަން މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. އެކްސްޕޯ 2020 ގައި 190 ޤައުމަކުން ދަނީ ބައިވެރިވަމުންނެވެ. އެހެންކަމުން، މިދުވަސްވަރާ ދިމާކޮށް ވިޒިޓް މޯލްޑިވްސްއިން ދުބާއީ މޯލްގައި ކުރިއަށް ގެންދާ ވިޒިބިލިޓީ ކެންޕެއިން ބޭއްވުމުން ގިނަ އަދަދެއްގެ ފަރާތްތަކަށް ރާއްޖެ އިޝްތިހާރުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

މިއަހަރުގެ މިހާތަނަށް، ވިޒިޓް މޯލްޑިވްސްއިން ވަނީ ރާއްޖެ އިޝްތިހާރުކުރުމަށް އެކި މާކެޓުތަކުގައި ގިނަ ހަރަކާތްތަކެއް ހިންގާ، ބައިވެރިވެފައެވެ. އެގޮތުން ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ މާކެޓުތަކާއި، ކުރިއަރަމުން އަންނަ އަދި އައު މާކެޓުތަކަށް އަމާޒުކޮށް ވިޒިޓް މޯލްޑިވްސްއިން ދަނީ ހަރަކާތްތަށް ހިންގަމުންނެވެ.