ކުޅަދާނަ ފިލްމީ ޑައިރެކްޓަރު ރޯހިތް ޝެޓީގެ ކެރިއަރުގައި މިހާތަނަށް އެންމެ ދިގު އިންތިޒާރެއް ބެލުންތެރިން ކުރަންޖެހުނު ފިލްމު "ސޫރަޔަވަންޝީ" މިއަހަރުގެ ދިވާލީ ފެސްޓިވަލާއި ދިމާކޮށް ރިލީޒްކުރުމަށް ނިންމައިފިއެވެ.

ރޯހިތް ޝެޓީގެ ޓީމުން ފިލްމު ރިލީޒްކުރާނެ ތާރީޚެއް އިއުލާނުކޮށްފައި މިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ސިނަމާތައް/ތިއޭޓަރުތައް އާއްމުންނަށް ހުޅުވާލުމަށް ޗީފް މިނިސްޓަރު އުދަވް ތާކްރޭ ނިންމެވައި އެކަން އިޢުލާނު ކުރުމާ ގުޅިގެންނެވެ.

ރޯހިތް ޝެޓީ އަމިއްލައަށް ޑައިރެކްޓްކޮށްފައިވާ ފިލްމު "ސޫރިޔަވަންޝީ" އަކީ މިދިޔަ އަހަރުގެ މާރޗް 25 ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމި ފިލްމެކެވެ.

އެހެންނަމަވެސް އޭގެފަހުން ކޮވިޑް-19 ގެ ޕެންޑަމިކްއާއި ގުޅިގެން އިންޑިއާއަށް ދިމާވި ނުރައްކާތެރި ދަނޑިވަޅާއެކު ގިނަ ސިނަމާތަކާއި ތިއޭޓަރުތައް ބަންދުކުރިއެވެ.

މިކަމުގެ ނޭދެވޭ އަސަރު އިންޑިއާގެ ފިލްމު އުފައްދާ ފަރާތްތަކަށް ވަރަށް ބޮޑަށް ކޮށްފައިވާއިރު ފިލްމު "ސޫރިޔަވަންޝީ" އަކީވެސް ރިލީޒްކުރެވޭނެ ތާރީޚެއް ނުނިމި ދިގު ދެމިފައިވާ ފިލްމެކެވެ.

އެކްޓަރު އަކްޝޭ ކުމާރުއާއެކު ބަތަލާ ކެޓްރީނާ ކައިފް މެއިން ލީޑްއިން ފެނިގެންދާ މިފިލްމަކީ އެކްޝަން ތްރިލަރއެކެވެ.

ފިލްމުގައި ޚާއްސަ ފެނިލުމަކުން އެކްޓަރު އަޖޭ ދޭވްގަންއާއެކު އެކްޓަރު ރަންވީރް ސިންގްވެސް ފެނިގެންދާނެއެވެ.

ފިލްމުގެ ކާސްޓުންނަށްވެސް މިފިލްމު ރިލީޒްކުރެވޭނެ ތާރީޚެއް ލިބިގެންދިއުމާއެކު އެކަމާ ގުޅިގެންވަނީ ސޯޝަލް މީޑިއާގައި އުފާފާޅުކޮށްފައެވެ.

ރޯހިތް ޝެޓީވެސްވަނީ މަހާރަޝްތްރާގެ ޗީފް މިނިސްޓަރ އުދަވް ތާކްރޭއާ ބައްދަލުކޮށް ސިނަމާތައް ހުޅުވުމުގެ ދެއްވުމުން އެކަމަށް ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން އެކްޓަރު އަކްޝޭ ކުމާރް އޭނާގެ އިންސްޓަގްރާމްގައި މިޚަބަރު ހިއްސާކުރަމުން ބުނެފައިވަނީ، މިއަދަކީ ހިންދީ ސިނަމާއަށް ނިސްބަތްވާ ގިނަބައެއްގެ ޝުކުރާއި ތައުރީފު ޗީފް މިނިސްޓަރަށް ހައްގު ދުވަހެއް ކަމަށެވެ.

އިންޑިއާގައި ފާހަގަކުރާ ސަގާފީ ފެސްޓިވަލް ދިވާލީއާ ދިމާކޮށް ފިލްމު "ސޫރަޔަވަންޝީ" ރިލީޒްކުރާއިރު މިފިލްމާއި ދާދި އެއްދުވަހެއްގައި މާރވަލް ސްޓޫޑިއޯގެ "އެޓާރނަލް" ރިލީޒް ކުރުމަށްވަނީ ނިންމާފައެވެ.

އެހެންކަމުން މިދެފިލްމުން އާއްމުންގެ މަގުބޫލުކަމާއެކު ކުރި ހޯދާނީ ކޮން ފިލްމެއްކަމާމެދު ދަނީ ބަހުސް ކުރެވެމުންނެވެ.

https://www.youtube.com/watch?v=u5r77-OQwa8