ޕްރޮޑިއުސަރު ރާޖްކުމާރް ހިރާނީއާއި އެކްޓަރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމީ ޕްރޮޖެކްޓްގެ ބޮޑުބައި ޝޫޓްކުރާނީ އިންޑިއާއިން ބޭރުގައި ކެނެޑާގައިކަމަށް ފިލްމީ ރިޕޯޓުތައް ބުނެފިއެވެ.

ކެނެޑާއަށް ޤަވަޢިދާ ޚިލާފަށް ހިޖުރަކޮށްފައިވާ މީހެއްގެ ރޯލުން ޝާހްރުކް ފެނިގެންދާ މިފިލްމުގެ ޝޫޓިންގް މިވަގުތު ހުއްޓުމަކަށް އައިސްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެޤައުމުން ލިބެންޖެހޭ ހުއްދަ ހޯދުމުގައި ދަތިތަކެއް އުޅޭތީއެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން ފިލްމުގެ ޝޫޓިންގް ލަސްވެ ދިގުދެމިގެންދާނަމަ އަންނަ އަހަރަށް ފިލްމުގެ ޝޫޓިންގް ފަސްކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިވަގުތު ފިލްމު "ޕަތާން" ގެ ޝޫޓިންތަކުގައި ވަރަށް އަވަދިނެތި އުޅެމުންދާ އެކްޓަރު ޝާހްރުކް ރާޖްކުމާރް ހިރާނީއަށް އޭނާގެ ޝެޑިއުލް ހުސްކޮށްފައި ވީނަމަވެސް ޝާހްރުކްގެ ފޯކަސް މުޅީންވެސް ހުރީ ފިލްމު "ޕަތާން" ގެ ޝެޑިއުލް ވީ އެންމެ އަވަހަކަށް ނިންމާލުމަށެވެ.

ޚަބަރު ލިބޭގޮތުގައި ރާޖްކުމާރް ހިރާނީގެ ފިލްމުގެ ޝޫޓިން ވަކި މުއްދަތެއްގެ ތެރޭގައި ނުފެށިއްޖެނަމަ އިތުރު އެހެން ފިލްމީ ޕްރޮޖެކްޓަކަށް ޝާހްރުކް ސޮއިކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ފިލްމު "ޒީރޯ" އިން 2018 ވަނަ އަހަރު ފެނިގެންދިޔަ ސުޕަސްޓަރ ޝާހްރުކް ދާދިފަހުންވަނީ ޑިޖިޓަލް ޕްލެޓްފޯމަކުންވެސް އޭނާ ފެނިގެން ގޮސްދާނެކަމުގެ އިޝާރާތެއް ދީފައެވެ.

ނަމަވެސް އެކަމާބެހޭ މާބޮޑު ތަފްސީލެއް އެކްޓަރު ދީފައެއް ނުވެއެވެ.