ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗު ނޭޕާލުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެޓީމުންެވސް އެޓޭކިންގ ގޭމެއް ކުޅެމުންދިޔައިރު ރާއްޖެއިން ވަނީ ފުރަތަމަ 10 ވަރަކަށް މިނެޓު ތެރޭގައި ރަނގަޅުަ ތިން ހަމަލާއެއް އުފައްދާފައެވެ. ނޭޕާލަށް މިވަގުތުކޮޅުގެ ތެރޭގައި ރާއްޖޭގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ނޭޕާލުން ވަނީ ފުރަތަމަ 10 ވަރަކަށް މިނެޓުގެ ކުޅުމަށްފަހު މެޗުގެ ތެރެއަށް ރަނގަޅަށް ވަދެ ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ރާއްޖެއިން ވަނީ މޮޅު ކުޅުމެއްދައްކާ މެޗުގެ ކޮންޓްރޯލް ހިފަހައްޓާފައެވެ.

ބޮޑަށް އެޓޭކިންގ އަށް ވިސްނައިގެން ކުޅެމުންދިޔަ ރާއްޖެ ޓީމުން ވަނީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ރަނގަޅު ހަމަލާއެއް ނޭޕާލުގެ ގޯލާއި އަމާޒުކޮށް ފިނުވާލާފައެވެ. އޭރިއާ ބޭރުގައި ހުރެފައި ރާޖްޖޭގެ އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބާރު ހަމަލާ، ނޭޕާލުގެ ކީޕަރު ކިރަން ކުމާރް ލިބްބޫ ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ތިންމިނެޓު ފަހުން އަލީ އަޝްފާގް (ދަގަނޑޭ)ަގެ އެހީގައި ރާއްޖެއިން ރަނގަޅު ފުރުސަތެއް ތަނަވަސްކުރިއިރު ދަގަނޑޭ ހުރަސްކޮށްދިން ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

ދަގަނޑޭ ވަނީ ހާފުގެ 32 ވަނަ މިނެޓުގެ ތެރޭގައިވެސް އަމިއްލަ މަސައްކަތުން ވަރަށް ރަނގަޅު ހަމަލާއެއް އުފައްދާފައެވެ. އެގޮތުން ރާއްޖޭގެ ފަހަތުން ދިފާއުކުރުމަށްފަހު ފޮނުވާލި ބޯޅައެއް ހޯދާ، ދަގަނޑޭ ވަނީ ނޭޕާލުގެ ތިން ޑިފެންޑަރުން ކައިރިން ނަށްޓާލުމަށްފަހު ގޯލާއި ދިމާލަށް ފޮނުވާލާފައެވެ. އެހެންނަމަވެސް މާމަޑުން ބޯޅަ ފޮނުވާލެވުމުގެ ސަބަބުން ނޭޕާލުގެ ކީޕަރު ވަނީ ފަސޭހަކަމާއެކު ބޯޅަ މަަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެވަނަ ހާފު ފަށައިގެން ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގެ 13 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ވަރަށް ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ހިލޭ ޖެހުމަކުން ތަނަވަސްވި ފުރުސަތެއްގައި އޭރިއާ ތެރޭގައި ހުރެފައި ބޮލުން މިހަމަލާ ފޮނުވާލީ ސަމޫހް އަލީ (ސަމުއްޓެ) އެވެ. އެހެންނަމަވެސް ނޭޕާލްގެ ކީޕަރު ކިރަން ވަނީ ވަރަަށް ހުށިޔާރު ކަމާއެކު މިހަމަލާވެސް ދިފާއުކޮށްފައެވެ.

ރާއްޖޭއިން ވަނީ މިހާފުގެ 30 ވަނަ މިނެޓުގައިވެސް ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެގޮތުން އޭރިއާތެރެއިން ހަމްޒާ މުހައްމަދުަ (ހަމްޕު) ފޮނުވާލި ހަމަލާ ކީޕަރުގެ އަތުގައި ޖެހިފައި އެނބުރި އައުމުން ދަގަނޑޭ ވެސް ވަނީ ފޮނުވާލާފައެވެ. އެހެންނަމަވެސް ދަގަނޑޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. އަދި އޭގެ ތިންމިނެޓުފަހުން ނާއިޒް ހަސަން (ދާދު) ވެސް އޭރިއާ ބޭރުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު މިފަހަރު ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ މެޗުން ނޭޕާލް މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މަނީޝް ޑަންގީ އެވެ.

މިއީ މިމުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ، މިއަދު ހަވީރު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އިންވަނީ ލަންކާގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މިހާތަނަށް މުބާރާތުގައި ކުޅޭ ފަސް ޓީމުގެ ތެރެއިން ހަތަރު ޓީމު މެޗު ކުޅެފައިވާއިރު އަދި މެޗެއް ނުކުޅެނީ އިންޑިއާ އެވެ.

މުބާރާތުގައި ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހުގެ ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި އިންޑިއާ އެވެ. އެރޭ ކުޅޭނީ ސްރީ ލަންކާ އާއި ނޭޕާލް އެވެ.