ދުނިޔޭގެ އެންމެ ބޮޑު އެއް އެގްޒިބިޝަން، "އެކްސްޕޯ 2020 ދުބާއީ"ގައި ދިވެހިރާއްޖެ ތަމްސީލްކުރުމުގެ ގޮތުން ޤާއިމްކޮށްފައިވާ ޕެވީލިއަން އާންމުންނަށް ހުޅުވާލައިފިއެވެ.

އެކްސްޕޯ 2020 ދުބާއީގައި ވިޒިޓް މޯލްޑިވްސް އާއި އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިތުރުން މިނިސްޓްރީ އޮފް ޓުއަރިޒަމުން ރާއްޖެ ތަމްސީލްކުރުމުގައި ހަރަކާތްތެރިވާނެއެވެ. އެކްސްޕޯ 2020، ނުވަތަ ވޯލްޑް އެކްސްޕޯއަކީ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 6 މަހުގެ މުއްދަތަށް ދުބާއީ އެގްޒިބިޝަން ސެންޓަރުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެކްސްޕޯ 2020ގެ ތީމަކީ "ކަނެކްޓިން މައިންޑްސް، ކްރިއޭޓިން ދަ ފިއުޗަރ"އެވެ. ދުނިޔޭގެ 192 ޤައުމަކުން ބައިވެރިވާ މި އެކްސްޕޯއަކީ ހިދުމަތްދޭ އަދި ލިބިގަންނަ ފަރާތްތަކުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ނެޓްވޯކްކުރުމާއި ވިޔަފާރީގެ ގުޅުންތައް ޤާއިމްކޮށް ބަދަހިކުރުމަށް ރަގަނޅު ޕްލެޓްފޯމެކެވެ.

މިހަރަކާތުގައި ޤައުމުތަކުން ބައިވެރިވެ، ފަތުރުވެރިކަމުގެ މަންޒިލްތަކާއި، އެ މަންޒިލްތަކުން ފަތުރުވެރިންނަށް ލިބޭ ހިދުމަތްތަކާއި ތަޖުރިބާތައް އިޝްތިހާރު ކުރާނެއެވެ. އަދި ޤައުމުތަކުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ކުންފުނިތަކުން އުފައްދާފައިވާ އެންމެ ފަހުގެ އީޖާދީ އުފެއްދުންތަކާއި، ޕްރޮޑަކްޓްތައް އިޝްތިހާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

2022 ވަނަ އަހަރުގެ މާޗް 31ގެ ނިޔަލަށް ކުރިއަށް ގެންދާ މިއެކްސްޕޯއަށް 25 މިލިއަން މީހުން ޒިޔާރަތްކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެކްސްޕޯގައި ރާއްޖޭގެ ޕެވީލިއަންގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ލިބެން ހުރި ހިދުމަތްތަކާއި، ރާއްޖޭގެ ޤުދުރަތީ ރީތިކަން އިޝްތިހާރުކުރެވޭނެއެވެ. އަދި މިއީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރާނެއެވެ. މީގެއިތުރުން ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތައްވެސް އަންގައިދޭނެއެވެ.

ވިޒިޓް މޯލްޑިވްސްގެ ފަރާތުން، ރާއްޖޭގެ ޕެވީލިއަންއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ރެފަލް ހަރަކާތެއް ކުރިއަށް ގެންދާނެއެވެ. "ވިން 100 ޑޭޒް އޮފް ފްރީ ހޮލިޑޭސް އިން ދަ މޯލްޑިވްސް" ގެ ނަމުގައި ކުރިއަށް ގެންދާ މި ރެފަލްގައި، ރާއްޖޭގެ ޕެވީލިއަންއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކޮންމެ ހަފްތާއަކު 1 ފަރާތަކަށް ހިލޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދެވޭނެއެވެ. މުޅި އެކްސްޕޯގެ 6 މަސް ދުވަހު ކޮންމެ ހަފްތާއެއްގައިވެސް މި ރެފަލް ނަގާނެއެވެ.

މި އަހަރުގެ ސެޕްޓެންބަރު މަހުގެ 15ގެ ނިޔަލަށް ރާއްޖެއަށް 843،552 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 11،192 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ޔޫއޭއިންނެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 47.8 އިންސައްތަ އިތުރު އަދަދެކެވެ. މި މުއްދަތުގައި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 27،380 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2019 ވަނަ އަހަރާއި އަޅާބަލާއިރު 37.7 އިންސައްތައިގެ ކުރުއެރުމެކެވެ.