ޗައިނާގެ ސިނޮވެކް ކޮވިޑް ވެކްސިން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ދިނުމުގެ ހުއްދަ މެލޭޝިޔާ ސަރުކާރުން ދީފިއެވެ.

މިކަން ހާމަކުރެއްވީ، މެލޭޝިޔާގެ ޑްރަގް ކޮންޓްރޯލް އޮތޯރިޓީގެ ބައްދަލުވުމެއްގައި މެލޭޝިޔާ ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޑރ. ނޫރު ހިޝާމް އަބްދުﷲއެވެ.

ސިނޮވެކް ކޮވިޑް ވެކްސިނަކީ، ޗައިނާގެ ސިނޮވެކް ލައިފް ސައިންސަސް ކޮމްޕެނީއާއި، މެލޭޝިޔާގެ ފާރމަނިއަގާ ގުޅިގެން އުފައްދާ ވެކްސިނެވެ.

ސިނޮވެކް ވެކްސިނަށް ހުއްދަ ދިން ނަމަވެސް، ޑްރަގް ކޮންޓްރޯލް އޮތޯރިޓީން ރެކޮމެންޑް ކޮށްފައިވަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ގިނަ ބަލިތައް ތަހައްމަލް ކުރަމުންދާ ކުދިންނަށާއި، އެލަޖީގެ މައްސަލަ ހުންނަ ކުދިންނާއި، ފައިޒަރ-ބަޔޯއެންޓެކުން އުފައްދައި ކުޑަކުދިންނަށްދޭ ވެކްސިން ނުޖެހޭ ކުދިންނަށް އިސްކަން ދިނުމަށެވެ.

ޑރ. ނޫރް ހިޝާމް އަބްދުﷲ ވިދާޅުވީ، އުމުރުން 12 އަހަރުންމަތީގެ ހުރިހާ ކުދިންނަށް ވެކްސިން ޖަހަން ފަށާނީ ޑޭޓާތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

ސިނޮވެކް ވެކްސިންއަކީ، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ދިނުމަށް މެލޭޝިޔާއިން ހުއްދަދިން ދެވަނަ ވެކްސިނެވެ.

އެ އުމުރުގެ ކުދިންނަށް މެލޭޝިޔާގައި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެންދަނީ ފައިޒަރ/ބަޔޯއެންޓެކްގެ ކޮވިޑްވެކްސިން "ކޮމިރްނަޓީ" ވެކްސިން ދެމުންނެވެ.

މެލޭޝިޔާ ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ސެޕްޓެމްބަރު މަހުގެ 20 ފެށިގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 1.49 މިލިއަން ކުދިންނަށް މަދުވެގެން އެއްޑޯޒް ވެކްސިން ޖަހާފައި ވެއެވެ.

މެލޭޝިޔާ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް ވެކްސިން ޖެހުމަށް ފެބްރުއަރީމަހު ފެށި ޕްރޮގްރާމްގެ ދަށުން މިހާތަނަށް އާބާދީގައި ހިމެނޭ ބޮޑެތި މީހުންގެ 86 އިންސައްތަ މީހުންނަށް ދެޑޯޒް ވެކްސިން ޖަހާފައި ވެއެވެ.

މެލޭޝިޔާގެ ހެލްތު މިނިސްޓަރ ޚައިރީ ޖަމާލުއްދީން ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ، މިއަހަރު ފެށުނުފަހުން އެކަނިވެސް މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ ކުދިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ، ކުރީ އަހަރަށްވުރެ މަތީ އަދަދެކެވެ.