ވިލާ އިންޓަނޭޝަނަލް އެއަރޕޯޓުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާ ބާއްވާފައިވަނީ މާމިނގިލީގައި ހުންނަ ވިލާ އިންޓަނޭޝަނަލް އެއަރޕޯޓުގައި، ހުކުރު ދުވަހުގެ ރޭގައެވެ.

މިހަފްލާ ޝަރަފްވެރި ކޮށްދެއްވީ ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހިމްއެވެ.

ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ވިލާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ހުއްޓުމެއް ނެތި ފުރިހަމަ ކަމާއެކު މިހިސާބަށް ގެނައުމުގެ ފަހަތުގައި ގިނަ ބައެއްގެ ބުރަ މަސައްކަތް ހިމެނޭ ކަމަށެވެ.

އަދި މިއަދާ ހަމައަށް އެއަރޕޯޓަށް އެކި ގޮތްގޮތުން ޚިދުމަތްކޮށްދެއްވި ފަރާތްތަކަށާއި، އެއަރޕޯޓުގެ އެންމެހާ މުވައްޒަފުންނަށް ގާސިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މާމިގިލީ އެއަރޕޯޓުގެ ސަބަބުން މާމިގިލީގެ ރައްޔިތުންނަށާއި، އަތޮޅުގެ އެހެން ރަށްތަކަށް ދަތުރުފަތުރު ކުރުމުގައި ލުއި ލިބިގެންދިޔަ ކަމާއި، ރައްޔިތުންނަށް ތަނަވަސް ވެގެންދިޔަ ވަޒީފާގެ ފުރުސަތުތަކުގެ މައްޗަށް ގާސިމް އިބްރާހީމްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތި ދުވަސްތަކުގައިވެސް، މުސާރައަށް ބެލުމެއްނެތި މަސައްކަތް ކޮށްދެއްވީތީ ހުރިހާ މުވައްޒަފުންނަށް ޗެއަރމަން ޝުކުރު އަދާކުރެއްވިއެވެ.

ކުރިއަށް އޮތް އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް މުސާރައިގެ ކަންތައް ހަމަޖެއްސެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

މި ހަފްލާގައި، ޗެއަރމަން ގާސިމް ވަނީ އިންޓަނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވައި، އިންޓަނޭޝަނަލް ލައިސެންސްވިލާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީނިއަރ މެނޭޖަރ އަބްދުލް ހަންނާނާ ހަވާލުކޮށް ދެއްވާފައެވެ.

މި ހަފްލާގައި، އެއަރޕޯޓުގައި 5 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސަ ސެޓްފިކެޓެއް ދީފައި ވެއެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމުގެގޮތުން ކޭކު ފަޅާފައިވާއިރު، މިހަފްލާގައި "ބިދަބިން" ބޮޑުބެރު ގްރޫޕްގެ ބޮޑުބެރު ޝޯވ އާއި، އެއަރޕޯޓުގެ މުވައްޒަފުންގެ ނެށުމުގެ ހަރަކާތްތަކެއްވެސް ފެނިގެންދިޔައެވެ.