އުމުރުން ދުވަސްވީ ފަރާތްތައް ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރި ކުރުމަށް އާއިލާތަކުންނާއި ކަމާގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރުމަކީ މުހިއްމު ކަމެކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އިން ބުނެފިއެވެ.

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން، ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފާރަވެރިވެ ހޭލުންތެރިކަން އިތުރުކުރުމަކީވެސް ބޭނުންތެރިކަމެއް ކަމަށެވެ.

އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމައުގެ ތެރޭގައި ހާއްސަ ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ މުޖުތަމައުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އެހެންކަމުން، އުމުރުން ދުވަސްވީ ފަރާތްތަކަށް ކޮންމެ މީހަކުވެސް ކަމޭހިތައި އަދަބުވެރިކަމާއި އޯގާތެރިކަމާއެކު މުއާމަލާތު ކުރުމަކީ ނުހަނު ބޭނުންތެރިކަމެއްގެ ގޮތުގައި މިނިސްޓްރީން ދެކެއެވެ.

އުމުރުން ދުވަސްވީ މީހުންނަކީ ގައުމަށާއި، މުޖުތަމަޢަށް ގިނަގުނަ ޚިދުމަތްތަކެއްކޮށް ތަފާތު ތަޖުރިބާތައް ލިބިފައިވާ ބަޔަކަށްވާއިރު ގައުމު ބިނާކުރުމުގައި އުމުރުން ދުވަސްވީ މީހުންގެ މަޝްވަރާއާއި ހިޔާލަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ގޭތެރެއިން ފެށިގެން މުޖުތަމަޢުގެ ހުރިހާ ކަމެއްގައި އުމުރުން ދުވަސްވީ މީހުން ޝާމިލުކުރުމަކީ ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ.

"އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީހިނދު، އަޅުގަނޑުމެންގެ އުމުރުން ދުވަސްވީ މަންމަ އިންނާއި ބައްޕަ އިންނާއި، މާމަ އިންނާއި، ކާފައިންނަށް ހެޔޮކަށް ހިތައި، ރައްކާތެރިކަމާއި އަބުރުވެރިކަމާއެކު، ކަރާމާތްތެރި ދިރިއުޅުމެއް އެފަރާތްތަކަށް ދިރިއުޅެވޭނޭ މަގު ތަނަވަސްކޮށް ދިނުމަކީ މުސްލިމުންގެ ޙައިޘިއްޔަތުންވެސް އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާއެއް."
މިނިސްޓްރީ އޮފް ޖެންޑަރ

އުމުރުން ދުވަސްވީ ފަރާތްތަކަށް ރާއްޖޭގައިވެސް ތަފާތު ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބެމުން ދާކަމީ، މިނިސްޓްރީގެ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއެވެ.

އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރެއިން ދިމާވާ މިފަދަ އަނިޔާވެރި ޢަމަލުތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމުގައި މިނިސްޓްރީން ފާހަގަކުރެއެވެ.

އުމުރުން ދުވަސްވީ މިިހުންގެ ދުވަހުގެ ތީމުގެ ގޮތުގައި މިއަހަރު އދ.އިން ކަނޑައަޅާފައިވަނީ Digital Equity for all age "ސުމޭކުގެ ހަމަހަމަ ފުރުސަތު ހުރިހާ އުމުރަކަށް" މި ޝިޢާރެވެ.