ބޮލީވުޑް އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ޒުވާން އެކްޓްރަސް އާލިޔާ ބަޓް ލީޑުން ފެނިގެންދާ "ގަންގޫބާއީ ކަތިއާވާޑީ" އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ރިލީޒްކުރަން ނިންމައިފިއެވެ.

ފިލްމް ރިލީޒް ކުރާނެ ތާރީޚެއް ކަމުގައި 30 ޖުލައި 2021 ދިނުމަށް ފަހުވެސް، ކޮވިޑްގެ ޕެންޑަމިކާ ގުޅިގެން ފަހުން ފިލްމު ރިލީޒް ކުރާނެ ތާރީޚެއް ހަމަޖެހިފައި ނުވެއެވެ.

އެހެންނަމަވެސް "ގަންގޫބާއި ކަތިއާވާޑީ" އަޅުވަން މިހާރު ނިންމާފައިވާ ތާރީޚަކީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހެއެވެ.

ފިލްމްގެ ޓީޒާރ ކޮޅެއްވެސް އާންމުކޮށްފައިވާއިރު، ފިލްމް އެ ދުވަހު ވާރލްޑް ވައިޑްކޮށް ސްކްރީންތަކުން ބަލާލެވޭނެ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

"ގަންގޫބާއި ކަތިއާވާޑީ"ގެ ޝޫޓިން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެހެން ނަމަވެސް ކޮވިޑްގެ ޕެންޑެމިކްގެ ސަބަބުން ފިލްމުގެ ޝޫޓިން ނުނިމި ދިގުދެމިގެން ވަނީ ގޮސްފައެވެ.

2020 ވަނަ އަހަރުގެ މާރޗް މަހު އިންޑިޔާ ލޮކްޑައިން އާއި ގުޅިގެން ޕްރޮޑަކްޝަންގެ މަސައްކަތްތައް ހުއްޓާލަން ޖެހުނު މި ފިލްމްގެ ޝޫޓިން ނިންމާލާފައިވަނީ މި އަހަރުގެ ކުރީކޮޅުގައެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ މަޝްހޫރު އަންހެން ގޭންގްސްޓާރ ގަންގޫބާއީ ކަތީއާވާޑީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ލޯބީގެ ފިލްމްތައް ޑައިރެކްޓްކުރުމުގައި މަޝްހޫރު ސަންޖޭ ލީލާ ބަންސާލީގެ މި ފިލްމަކީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ލިޔެފައިވާ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

"ގަންގޫބާއި ކަތިއާވާޑީ" އިން ޓީވީ އެކްޓަރު އަދި ނެށުންތެރިޔާ ޝަންތަނޫ މަހޭޝްވަރީ، އާލިއާގެ ލޯބިވެރިޔާގެ ގޮތުގައި ފެނިގެންދާނެއެވެ. އަދި މިއީ ޝާންތަނޫ ބޮލީވުޑަށް ތައާރަފްވާ ފިލްމުވެސްމެއެވެ.

މި ފިލްމުން އަޖޭ ދޭވްގަންވެސް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.