ޤަޠަރުގައި ފުރަތަމަ ދުސްތޫރީ އިންތިޚާބުގެ ވޯޓުލުން މިއަދު ފެށިއްޖެއެވެ.
މިއީ އެ ޤައުމުގައި އޮންނަ ސަރުކާރަށް ލަފާދޭ ޝޫރާ މަޖިލީހުގެ ތިންބައިކުޅަ ދެބައި ހޮވުމަށް ކުރިއަށް ގެންދިޔަ ވޯޓެކެވެ.
މި ވޯޓަކީ އިންތިޚާބާއި ވަޒަންވެރިކަން އޮތުމާއިބެހޭގޮތުން ވަރަށް ވަރުގަދަ މަދަނީ ބަހުސުތަކެއް ފެށިގެންދިޔަ ކަމެކެވެ.
45 މެމްބަރުން ހިމެނޭ ކައުންސިލް ނުވަތަ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާނީ 30 މެމްބަރުން ހޮވާށެވެ. އަނެއް 15 މެމްބަރުންނަކީ ޤައުމުގެ އަމީރު އެމަޖިލީހަށް ހޮއްވަވާ ބޭފުޅުންނެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް އަންހެނުންނާއި ފިރިހެނުން ދާންޖެހޭނީ ވަކިވަކީން ދެޖިންސަށް ޚާއްޞަކޮށްފައިވާ ވޯޓު ފޮށިތަކަށެވެ.
މިއީ އެ ޤައުމުގައި ރައްޔިތުންނަށް ފުރަތަމަ ފަހަރަށް ވޯޓުލާން ލިބުނު ފުރުޞަތު ކަމަށްވުމުން އަންހެނުންނަށް މިއީ ވަރަށް ޚައްޞަ ކަމަކަށްވެގެން ގޮސްފައިވާ އިންތިޚާބެކެވެ. އަދި މިއީ ގިނަ އަންހެނުންތަކެއްވެސް ވާދަކުރި އިންތިޚާބެކެވެ.
ޤަޠަރުގެ ޝޫރާ ކައުންސިލަކީ ސަރުކާރުގެ ޢާންމު ސިޔާސަތުތައް ބައްޓަންކޮށް ބިނާކުރާ ކައުންސިލެވެ. އަދި ބަޖެޓުވެސް ފާސްކުރުމުގެ ބާރު އޮންނަނީ މިކައުންސިލަށެވެ. އެހެން ނަމަވެސް އަމީރު ނުވަތަ އެންމެ މަތީ ބާރު ލިބިގެންވަނީ އެވަގުތަކު ރައްކަމުގައި ހުންނަވާ ބޭފުޅަކަށެވެ.
އޭގެ ތެރޭގައި ދިފާޢީ ކަންކަމުގެ ސިޔާސަތު ތަންފީޒުކުރުމާއި ސަލާމޓި ކަންކަމުގެ އިތުރުން އިޤުތިޞާދީ އަދި ބޮޑެތި އިންވެސްޓުމަންޓުތަކުގެ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރުވެސް އެ ކައުންސިލަކަށް ނޯވެއެވެ.
މީގެ އިތުރުން ޤަޠަރުގައި ސިޔާސީ ޕާރޓީ އުފެއްދުމަކީ މަނާކަމެކެވެ.
ސަރުކާރުން ނެރުނު އިންތިޚާބީ ލިސްޓުގައި އެ ޤައުމުގެ 30 ސަރަޙައްދުގެ ކައުންސިލްތަކަށް ކުރިމަތިލާފައިވާ 234 މެމްބަރުންގެ ތެރޭގައި 26 އަންހެނުން ހިމެނެއެވެ. މި ސަރަޙައްދުތަކުގައި އޮންނަ ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރަނީ މުނިސިޕަލް ވޯޓަކުންނެވެ.
މިފަހަރުގެ އިންތިޚާބަށް ހުރިހާ ކެންޑިޑޭޓުންނަށްވެސް ކެމްޕޭން ކުރުމުގެ ފުރުޞަތު ލިބުނެވެ. އެހެން ކަމުން ފުރަތަމަ ފަހަރަށް މިކުރެވުނު ތަޖުރިބާއަކީ އެމީހުނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ބައެއް ކެންޑިޑޭޓުން ވިދާޅުވެއެވެ.
އެހެން ވުމާއިއެކު ސޯޝަލް މީޑިއާގައި ކެމްޕޭން ކުރުމާއި އިޖުތިމާޢި ބައްދަލުވުންތަކުގެ ކެމްޕޭންތަކުގެ އިތުރުން މަގުތަކުގައި އިޝްތިހާރު ބޯޑުތައް ބަހައްޓައިގެންވެސް ކެމްޕޭން ކޮށްފައިވެއެވެ.
މީގެ އިތުރުން މިއީ މިގޮތަށް ޢާންމުން އެއްބަޔަކު އަނެއްބަޔަކާއި ވާހަކަދައްކައި ބޭނުންވާ ކަންކަމުގެ ވާހަކަތައް ޙިއްޞާކުރުމަށް ލިބުނު ފުރަތަމަ ފުރުޞަތު ކަމަށްވުމުން އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި އުފާވެރިކަމެއް ކަމަށް މަރުޚިޔާ ސަރަޙައްދަށް ކުރިމަތިލައިފައިވާ ޚާލިދު އަލް މުޠައްވާ ވިދާޅުވިއެވެ.
އަދި ހަމަ އެ ސަރަޙައްދަށް ކުރިމަތިލައިފައިވާ ސަބާން އަލް ޖާސިމް ނަމަކަށް ކިޔާ ކެންޑިޑޭޓަކު ވިދާޅުވީ މިއަދު ނިމިގެންދާނީ ޤަޠަރުގެ ރައްޔިތުންނަށް ޤައުމުގެ ނިންމުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ކަމުގައެވެ.
އެމެރިކާގެ ޖޯރޖިއާގައި ހުންނަ މެދިއރުމަތީގެ ދިރާސާތައްކުރާ ޔުނިވަރސިޓީގެ ޑިރެކްޓަރ ވިދާޅުވީ ޤަޠަރުގެ ވިރާސީ އާއިލާކަމުގައި އަލް ޘާނީގެ ޢާއިލާއިންވެސް ޤައުމުގެ ބާރުތައް ރަމްޒީގޮތެއްގައި ބަހައިލުމުގެ ވިސްނުން ހަމައެކަނި ސީރިއަސްކޮށް ގެންގުޅުއްވަނީ ނޫންކަމުގައެވެ. އޭގެ ބަދަލުގައި ޤަޠަރުގެ ޤަބީލާ ޖަމާޢަތްތަކާއި މުއައްސަސާތަކުގެ މެދުގައިވެސް ބާރުތައް ޙިއްޞާކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމުގައެވެ.
މި އިންތިޚާބަކީ 2003 ވަނަ އަހަރު ނެގުނު ފެންނަ ނުފެންނަ ދުސްތޫރީ ވޯޓަކުން ފާސްކޮސްފައިވާ އިންތިޚާބެކެވެ. އެހެން ނަމަވެސް އަންނަ އަހަރު ޤަޠަރުގައި ބާއްވާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތާއި ދިމާކޮށް މިވޯޓު ނެގިނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ ވޯޓުލުމުގެ ޝަރުޠުތައް ވަރަށް ހަނިކޮށްފައިވާ ކަމުގައެވެ.
ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީވަޒީރު ޝައިކް މުޙައްމަދު ބިން ޢަބްދުއްރަޙުމާން އަލް ޘާނީ ވަނީ މި ވޯޓަކީ އާ ތަޖުރިބާއެއް ކުރުމުގެ ގޮތުން ނެގޭ ވޯޓެއް ކަމުގައެވެ. އަދި ޝޫރާ ކައުންސިލްގެ ފުރަތަމަ އަހަރު، ޤާނޫނުހަދާ ރައްޔިތުންގެ މަޖިލީހެއްގެ ފުރިހަމަ ދައުރު އަދާކުރެވޭނެކަމަށް ބަލައިގެން ނުވާނެ ކަމުގައެވެ.
މެދުއިރުމަތީގެ ގަލްފުގެތެރޭގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން ރައްޔިތުންގެ ވޯޓަކުން ހުރިހާ މެމްބަރުން އިންތިޚާބުކުރާ ހަމަ އެކަނި ޤައުމަކީ ކުވޭތެވެ. އެހެން ނަމަވެސް އެންމެ ފަހުގެ ހުރިހަ ނިންމުމެއް ނިންމުމުގެ ބާރު އޮންނަނީ އެހެން ޤައުމުތަކެކޭވެސް އެއްގޮތަށް ކުވޭތުގެ އަމީރަށެވެ.
ދުނިޔޭގައި ޤުދުރަތީ ގޭސް އެކްސްޕޯރޓުކުރާ އެންމެ ބޮޑު ޤައުމު ކަމުގައިވާ ޤަޠަރުގައި 2.8 މިލިއަން މީހުންގެ އާބާދީއެއް އޮތް ނަމަވެސް އެ ޤައުމުގެ ވަޠަނީންގެ ނިސްބަތަކީ 10 އިންސައްތައެވެ. އަދި މި އާބާދީގެ ތެރޭގައިވެސް ވޯޓުލުމުގެ ޙައްޤު އެންމެނަށް ލިބިފައެއް ނުވެއެވެ.
މިވޯޓާއި ގުޅިގެން ބައެއް ޤަބީލާތަކުގައި ކޮންމެވެސް ވަރެއްގެ ނާޒުކު ޚިޔާލުތަކެއް އުފެދިގެން ގޮސްފައިވެއެވެ. ސަބަބަކީ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު މައި ޤަބީލާއެއްގެ ބައެއް މީހުނަށް ލިބިފައި ނުވުމެވެ. އެއީ ޤަޠަރުގެ ޤާނޫނުގައި ވޯޓުލުމުގެ ޙައްޤު ދީފައިވަނީ 1930 ވަނަ އަހަރުގެ ކުރީއްސުރެ ޤައުމުގައި ވަޒަންވެރިވެގެން އުޅޭ ވަޠަނީ ޢާއިލާތަކަށް ކަމަށް ވާތީއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ ދެން އޮންނަ ޝޫރާ ކައުންސިލްގައި އިންތިޚާބީ ޤާނޫނު މުޠާލިޢާކޮށް ބަދަލު ގެނެވޭނެކަމުގެ ސާފު އިޝާރާތެއް އެބަ އޮތްކަމުގައެވެ.
ޤަޠަރުގެ ވިރާސަތުން ސިޔާސީ ކަންކަން ކުރަނީ ވަރަށް ދުރު ވިސްނައިގެން ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޚައްޞަކޮށް ރައްޔތުން ބައިވެރިކުރުމާއި ސިޔާސީ ބަހުސުތައް ކުރުމުގެ ބާރުތައް ކޮންޓުރޯލުކުރުމާއި އެފަދަ ކަންކަމުން ނިކުންނަ ނަތީޖާތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭކަމުގައި އެބޭފުޅުން ވިދާޅުވެއެވެ.
އެހެން ނަމަވެސް މިޒަމާނުގެ ސިޔާސީ ވިސްނުންތަކަކީ ކޮންމެ ވަގުތެއްގައިވެސް ބަދަލުވެގެން ހިނގައިދާނެ އެއްޗެކެވެ. އެހެންވީމާ ޤަޠަރުގެ ރައްޔތުން އެމީހުންގެ ވަޠަނީ ދައުރާއި ޙައްޤުތައް ދެކޭގޮތް ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުވެގެން ހިނގައިދާނެއެވެ.
ޚާއްޞަކޮށް އާންމު ބައްދަލުވުންތަކަށް ފުރުޞަތު ހުޅުވިގެން ދިއުމާއި ބައްދަލުވުންތަކުގެ ބަޙުޘުތައް ފެށުމަކީ މިފަދަ ޚިޔާލުތައް މިނިވަންކަމާއި ޚިޔާލު ފާޅުކުރުމަށް ފުރުޞަތު ބޮޑުވެގެންދާނެ ކަމެއް ކަމަށް ވަރަށް ގިނަ ބޭފުޅުން ވިދާޅުވެއެވެ.
އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ހުއިމަން ރައިޓްސް ވޮޗްއިން ބުނެފައިވަނީ މިއިންތިޚާބުގައި ޤަޠަރުގެ ވަރަށްގިނަ ރައްޔިތުން ވޯޓު ލުމުގެ ޙައްޤުން މަޙުރޫމް ކޮށްފައިވާ ކަމުގައެެވެ.
މި އިންތިޚާބުގެ ކުރީން އެކަމައިގުޅޭ ޤަނޫނާއިމެދު އަލް މުއްރާ ޤަބީލާއިން ހިތްހަމަ ނުޖެހިގެން އޯގަސްޓުމަހު ބޭއްވި ކުޑަކުޑަ މުޒާހަރާއެއްގެ ތެރެއިންނާއި ފާޑުކިޔަމުންދިޔަ ބަޔަކާއިއެކު 15 މީހުން ހައްޔަރުކޮށްފައިވާ ކަމުގައެވެ.