ކޮވިޑްބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު ހައްލައްކައިން މައްޗަށް އަރައިފިއެވެ.

ކޮވިޑްބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު ހަތްލައްކައިން މައްޗަށް އެރިއިރު، ވޭތުވެދިޔަ ހަފްތާގައި އެމެރިކާއިން މިބަލީގައި ކޮންމެ ދުވަހަކު ދެހާސްމީހުން މަރުވެފައިވެއެވެ.

މުޅި ދުނިޔެއަށް ބަލާއިރު، ކޮވިޑްބަލި ޖެހުނު މީހުންނާއި ބަލީގައި މަރުވި މީހުންގެ އަދަދު އެންމެ ކުރީގައި އުޅެނީ އެމެރިކާއެވެ.

ކޮވިޑްބަލި ހަލުވިކަމާއެކު މީހުންގެ މެދުގައި ފަތުރާ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން އެމެރިކާގައި މިދިޔަ ސެޕްޓެމްބަރުމަހުގެ މެދުތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދުތައް ވަރަށް މައްޗަށް އަރައިގެންދިޔައެވެ.

އެހެން ނަމަވެސް، ދުވާލެއްގެ މައްޗަށް އަލަށް ޕޮޒިޓިވްވާ މީހުންގެ ރޭޓް މިހާރުވަނީ އެއްލައްކަ ސަރާތަ ހާހަށް ތިރިވެފައެވެ.

ބަލީގެ ސަބަބުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދުތައްވެސް މިހާރުވަނީ ތިރިވާން ފަށާފައެވެ.

އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރ ވިދާޅުވީ، ހަފްތާއެއްގެ މައްޗަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތަކާއި އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދުތައް މިހާރު 15 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ.

އެމެރިކާ ސަރުކާރުން މިހާރުވަނީ، ކުރިއަށްއޮތް 60 ދުވަހުގެ ތެރޭގައި ކޮވިޑް ޓެސްޓްތައް ދެގުނަ އިތުރުކުރުމަށް ނިންމާފައެވެ.

އެމެރިކާއިން މިހާރުވަނީ، އުމުރުން ދުވަސްވީ މީހުންނަށާއި، ހައިރިސްކް ގިންތިތަކުގައި މަސައްކަތްކުރާ މީހުންނަށް ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒްޖަހަން ފަށާފައެވެ.

އެމެރިކާގެ ރައްޔިތުންނަށް ނަމޫނާ ދެއްކެވުމުގެ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ހޯމަދުވަހުވަނީ ބޫސްޓަރ ޑޯޒް ޖައްސަވާފައެވެ.

ބޫސްޓަރ ޑޯޒްގެ ގޮތުގައި އަދި ހުއްދަ ދީފައިވަނީ ފައިޒަރ/ބަޔޯއެންޓެކްގެ ވެކްސިން ނަމަވެސް، މޮޑަނާ އަދި ޖޯންސަން އެންޑް ޖޯންސަންގެ ބޫސްޓަރ ޑޯޒް ޖަހަން ހުއްދަ ދިނުމާމެދު ގޮތެއް ނިންމަން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ތަޖުރިބާކާރުންގެ އެޑްވައިޒަރީ ޕެނަލް މިމަހުގެ ފަހުކޮޅު ބައްދަލުކުރުމަށް މިހާރުވަނީ ހަމަޖެހިފައެވެ.

އެމެރިކާ އާއި ދުނިޔޭގެ ބައެއް ގައުމުތަކުން ކޮވިޑުން ދިފާއުވުމަށް ބޫސްޓަރ ޑޯޒް ޖަހަން ފެށިނަމަވެސް، ބޫސްޓަރ ޑޯޒް ޖެހުމުގެ ބޭނުމާމެދު އެމެރިކާގެ ސައިންސްވެރިންގެ ޚިޔާލުވަނީ ދެބައިވެފައެވެ.

ސަބަބަކަށްވަނީ، އެމެރިކާގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އަދިވެސް ވެކްސިން ޖަހާފައި ނުވުމާއި އަދި ވެކްސިން ނުލިބިގެން ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނެތް އެތައްބަޔަކު ތިބުމުންނެވެ.