ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ޖެޓްސްކީތަކެއްގައި ދަތުރުކޮށް، މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އިން ކުރި ރެކޯޑް ޖެޓްސްކީ ދަތުރު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ދަތުރު ފަށާފައިވަނީ ތުރާކުނުން

'މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021- ނޯތު ޓު ސައުތު' ގެ ނަމުގައި 6 ޖެޓްސްކީގައި މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އިން ދަތުރުފެށީ އޮފިޝަލް 6 ރައިޑަރުންނާއި ސްޕެއަރ 3 ރައިޑަރުންނާއެކުއެވެ. މީގެއިތުރުން ކްރޫގެ ގޮތުގައިވެސް މޯލްޑިވްސް ވޯޓަރ ސްޕޯޓްސްގެ ޓީމަކާއި ވީމީޑިއާގެ ވީޑިއޯ ޖާނަލިސްޓް މުހަންމަދު ޒާހިރު ވެސް މިދަތުރުގައި ބައިވެރިވިއެވެ.

ވ. އަތޮޅުގައި އޮންނަ ޝިޕްވްރެކް ކައިރީގައި ދަތުރުގެ ރައިޑަރުން

ހއ. ތުރާކުނުން ފެށި މިދަތުރުގައި ރައިޑަރުން ވަނީ ޖުމްލަ 22 ރަށަކަށް ދަތުރުކޮށްފައެވެ. އަދި ކޮންމެ ރަށެއްގެ ކައުންސިލްގެ ރައީސުން ސޮއިކުރާ ފިލާގައި އޭގެެއިން ކޮންމެ ރަށެއްގެ ކައުންސިލްގެ ރައީސް ވަނީ ސޮއިކުރައްވާފައެވެ. އަދި ކޮންމެ ރަށަކުން، އެރަށެއްގެ ވެލި އަޅާފައިވާ ފުޅިއެއް މި ޓީމަށް ވަނީ ދީފައެވެ.

ކައުންސިލްގެ ރައީސުން ސޮއިކުރާ ފިލާގައި ސޮއިކުރަނީ

ދަތުރުގައި މި ޓީމަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާއިރު އެންމެ ބޮޑު ގޮންޖެހުމަކަށްވީ މޫސުމެވެ. މޫސުން ގޯސްވުމުގެ ސަބަބުން ރައިޑަރުން ތާވަލުކޮށްފައިވާ ޝެޑިއުލަށް ބަދަލުގެނެސް ދަތުރު ނިންމުމަށް ތާވަލުކޮށްފައިވާ ދުވަސް ވަނީ ލަސްވެފައެވެ. ދަތުރު ފެށީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ނިންމާލުމަށް އަޒުމު ކަނޑައަޅައިގެންނެވެ.

ވިއްސާރަ ދުވަހެއްގައި ރައިޑަރުން ދަތުރުކުރަނީ

މޫސުމުގެ އިތުރުން މި ޓީމަށް ދެން ދިމާވި އެންމެބޮޑު ގޮންޖެހުމަކީ ދަތުރުގައި ބޭނުންކުރާ ޖެޓްސްކީތަކަށް، އެހާ ގިނަވަގުތު ދުއްވަން ޖެހުމުގެ ސަބަބުން މައްސަލަތައް ކުރިމަތިވެ ކަނޑުމަތީގައި މަޑުކޮށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމެވެ. މިކަމުގެ ސަބަބުން ދަތުރަށް ބޮޑެތި ޑިލޭތަކެއް އައިސްފައިވެއެވެ.

ޖެޓްސްކީ އެއް ދިޔަވުން

އެގޮތުން ބުރާސްފަތި ދުވަހު ރައިޑަރުން ހުވަދޫ ކަނޑު ހުރަސް ކުރުމަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަނޑުމަތީގައި ޖެޓްސްކީ އެއް ވަނީ ދިޔަވެފައެވެ. މިއާއެކު ކޯސްޓް ގާޑާއި ކައިރި ހިސާބުތަކުގެ ރަށްތަކަށް ނިސްބަތްވާ ދޯނިތަކުގެ އެހީގައި ޖެޓްސްކީތައް ރަށްރަށަށް އަރުވާ މަރާމާތު ކުރަންވެސް ޖެހުނެވެ.

ވީނިއުސް އާއި ވާހަކަދައްކަވަމުން މި ދަތުރުގައި ލީޑު ކުރެއްވި ބޭފުޅުން ވަނީ ރަށްރަށުން ޖެޓްސްކީ ޓުއަރ ގެ ޓީމަށްކީ މަރުހަބާ އާއި ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

ޖުމްލަ 20 އަތޮޅަކަށް ދަތުރުކޮށް، ރާއްޖޭގެ ހުރިހާ އަތޮޅެއް ހުރަސްކޮށް މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އިން ރެކޯޑު ގާއިމްކުރިއިރު މިދަތުރުގެ ބައިވެރިން ވަނީ ރާއްޖޭގެ ވެރިރަށް މާލެ އަށްވެސް އައިސްފައެވެ. މާލެއިން ރައިޑަރުންނަށް މަރުހަބާކީ ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. އަބްދުﷲ މައުސޫމް އާއި މާލެ ސިޓީގެ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައިޑަރުންނާއެކު ޓޫރިޒަމް މިނިސްޓަރ އާއި މާލޭގެ މޭޔަރ- ފޮޓޯ:- ވީނިއުސް

މިހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި ރައިޑަރުން ގޮސްފައިވަނީ އައްޑޫ ސިޓީ މަރަދޫފޭދޫ އަށެވެ. މަރަދޫފޭދޫގައި މިދަތުރުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ އައްޑޫ ސިޓީގެ މޭޔަރ، އަލީ ނިޒާރު އެވެ.

އައްޑޫ ސިޓީގެ ބައެއް ކައުންސިލަރުން ރައިޑަރުންނާއެކު

11 ދުވަހަށް ދިގުދެމިގެންދިޔަ މި ރެކޯޑް ދަތުރު ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު މިއީ މިހާތަނަށް ރާއްޖޭގައި ކޮށްފައިނުވާ ކަމެކެވެ. ޓޫރިޒަމް ދުވަހާއި ގުޅުވައިގެން މި ޓީމުން ކުރި މި ތާރީހީ ދަތުރަކީ ތައުރީފު ހައްގު، ބަލައިގަންނަން ޖެހޭ، ފާހަގަކޮށްލެވޭ މަސައްކަތެކެވެ.