ހުޅުމާލެ ފޭސް 2 އިން ބަހުގެ ހިދުމަތް ހޯދާ މީހުންނަށް އެމްޓީސީސީން މިހާރުވެސް ބޭނުން ކުރަމުން އަންނަ ކާޑުން ހިދުމަތް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓިސީސީން މިހެން ބުނީ، ބަހުގެ ހިދުމަތް މިހާރު ހުޅުމާލެ ފޭސް 2 ގައި ފަށާ، ބަސް ދަތުރުތައް ދޭން ފެށުމާއި ގުޅިގެންނެވެ.

ހުޅުމާލޭ ފޭސް 2 ގެ ބަހުގެ ހިދުމަތް ހޯދާ މީހުންނަށް ވަކި ހާއްސަ ބަސްކާޑެއް ތައްޔާރު ނުކުރާކަމަށް އެމްޓީސީސީން ބުނެއެވެ.

ބަހުގެ ހިދުމަތް ހުޅުމާލެ ފޭސް 2 އަށް ފެށުމާ އެކު ހިދުމަތް ހޯދަން ކުރިން ހުޅުމާލޭގައި ބަސް ދަތުރު ކުރަން ގެންގުޅުނު ބަސް ކާޑް ފުދޭނެ ކަމަށާއި ކާޑް ނެތް ފަރާތެއްނަމަ ކާޑު ހައްދަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ، މި މަހު 1 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެށި ބަހުގެ ހިދުމަތާއެކު އެތަނުގައި ހުންނަ ބަސް ސްޓޭޝަންގައި އެ ކުންފުނީގެ ސްޓާފެއް ހުންނަ ގޮތަށް ހަމަޖައްސާފައި ވާނެ ކަމަށެވެ. އެއީ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ދަތުރުކުރާ ރޫޓު އަންގައި ދިނުން ފަދަ މައުލޫމާތު ފޯރުކޮށް ދިނުމަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެގޮތުން އެމްޓީސީސީގެ ސްޓާފެއް ހުންނާނީ ދެވަނަ ފިޔަވަހީގައި ހުންނަ ފުރަތަމަ ބަސް ސްޓޮޕްގައި ކަމަށާއި އަދި އެ ސްޓާފް ހުންނާނީ ހެނދުނު 8:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ އޮކްޓޯބަރު މަހުގެ 1 ފެށިގެން އޮކްޓޯބަރ 7 ވަނަ ދުވަހުގެ ނިޔަލަށް އެ ބަސް ސްޓޮޕްގައި މުވައްޒަފުން ތިބޭނެ ކަމަށެވެ.

ހުޅުމާލެ ފޭސް 2 ގައި ދުއްވަން ހަމަޖެހިފައިވާ ބަހަކީ ހަމައެކަނި ހުޅުމާލެ ތެރޭގައި ދުއްވާ ބަސް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެ ބަސް ހުޅުމާލޭގެ 12 ތަނަކަށް ހުއްޓައެވެ.

އެހެންކަމުން ހިޔާ ފްލެޓަށް ބަދަލުވި ފަރާތްތަކުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ދާން ޖެހިއްޖެނަމަ އެއްވެސް އުނދަގުލަކާ ނުލައި މިހާރު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އެހެން ނަމަވެސް ފޭސް 2 އިން މާލެއަށް އަދި ސީދާ ބަސް ދަތުރުތައް ފެށިފައިނުވާތީ، ފޭސް 2 އިން މާލެ އަންނަން ޖެހޭނީވެސް ހަމަ މިފަދައިން ހުޅުމާލެ ފޭސް 2 އިން ބަސް ނެގުމަށް ފަހު ފޭސް 1 ގެ ބަސް ސްޓޮޕަކަށް އައުމަށް ފަހު މާލެ އަންނަ ބަހެއް ނަގައިގެން ކަމަށް އެމްޓީސީސީން ބުނެއެވެ.