"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ "އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން މިއަދު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިޚްލާސްތެރި ޕާޓީ މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މ. ކެލަން, މުޙައްމަދު އިސްމާއިލަށް ދިނުމަށް މިއަދު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެެ.

އެކަމުގެ ލިޔުން މިއަދު ވަނީ މުޙައްމަދު އިސްމާއީލްއާ ހަވާލުކޮށްފައެވެ.

މި ޕާޓީ ރަޖިސްޓަރީ ކުރުމަށް ފުރަތަމަ ހުށަހެޅީ "ކަރިޝްމާ ޕާޓީ" ގެ ނަމުގައެވެ.

އެހެން ނަމަވެސް ކަރިޝްމާ ޕާޓީގެނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށާއި އެނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެވެން ނެތްކަން މިދިޔަމަހު އިލެކްޝަންސް ކޮމިޝަނުން ވަނީ މުހައްމަދު އިސްމާއީލަށް އަންގާފައެވެ.

ކަރިޝްމާ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މުހައްމަދު އިސްލާއީލް އެންމެ ފުރަތަމަ ހުށަހެޅީ 2019 ވަނަ އަހަރު އެވެ.

އޭގެ ފަހުން މިދިޔަ މަހުވެސް އޭނާ ވަނީ އެނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައެވެ.

"އިހްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އިސްވެ ތިއްބަވައިގެން އުފެއްދުމުގެ މަސައްކަތްފެށި އެއްޕާޓީ ކަމަށްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށް ބޭނުންވާ މެންބަރުޝިޕް ހަމަކޮށް، އެ ޕާޓީ އުފެއްދުމުގެ ޖަލްސާ މިމަހުގެ 8 ވާ ހުކުރު ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން "މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން އިސްވެ ހުންނަވާ ގެންދަވަނީ ކުރައްވަމުންނެވެ.

ސިޔާސީ ޕާރޓީތަކުގެ ދަފްތަރުގައި މިހާރުވެސް ދިހަ ސިޔާސީ ޕާޓީއެއް ހިމެނެއެވެ.