ޓްވިޓަރ އެކައުން އަނބުރާ ހޯއްދަވަން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މައްސަލަ ކޯޓަށް ހުށަހަޅުއްވައިފިއެވެ.

ޓްވިޓަރ ކުންފުނިން ޓްރަމްޕްގެ ޓްވިޓަރ އެކައުންޓް ސަސްޕެންޑްކުރީ، ޓްރަމްޕަށް ސަޕޯޓްކުރާ ބަޔަކު އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ހުންނަ ކޮންގްރެސް އިމާރާތަށް ދިން ހަމަލާތަކާއި، ގެއްލުންތަކާއި އަދި ވެރިރަށުގައި ހިންގި ވަރުގަދަ ހަމަނުޖެހުންތަކަށް ފަހުގައެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި 4 މީހުން މަރުވެ، އެތައްބަޔަކު ޒަޚަމްވިއެވެ.

ޓްވިޓަރ ކުންފުނިން ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑްކުރީ ޓްރަމްޕްގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގީ ޓްރަމްޕްގެ ކިބައިން ހިތްވަރު ލިބިގެންކަމަށް ތުހުމަތު ކޮށެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ބޮޑެތި ގެއްލުންތައް ދެމުން ކޮންގްރެސް އިމާރާތަށް އަރައިގަތީ އޭގެ ކުރިން ޓްރަމްޕް ދެއްވި ތަގްރީރަށް ފަހުގައެވެ.

އެ ތަގްރީރުގައި ޓްރަމްޕް ވިދާޅުވީ، ރިޔާސީ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށެވެ. ރިޔާސީ އިންތިޚާބު ވަގަށްނެގީ ކަމަށެވެ.

މިމައްސަލާގަ ޓްވިޓަރ ކުންފުނީގެ އިތުރުން، ސޯޝަލް މީޑިއާ އެހެން ޕްލެޓްފޯމްތައް ކަމަށްވާ ފޭސްބުކް، އިންސްޓަގްރާމް ފަދަ ޕްލެޓްފޯމް ތަކުންވެސް ޓްރަމްޕްގެ އެކައުންޓުތައް ސަސްޕެންޑްކުރިއެވެ.

ޓްވިޓަރ ކުންފުނިން ބުނީ، ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑްކުރީ އެ ކުންފުނީގެ ޕޮލިސީއާ ޚިލާފަށް ހަމަނުޖެހުމަށް ހިތްވަރު ދެއްވުމުން ކަމަށެވެ.

ޓްވިޓަރ އެކައުންޓް އަނބުރާ ހޯއްދެވުމަށް ޓްރަމްޕް މިހާރުވަނީ ފްލޮރިޑާގެ ފެޑެރަލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ.

މައްސަލާގައި ޓްރަމްޕް ވިދާޅުވެފައިވަނީ، އޭނާއަށް ތާއީދުކުރާ އެތައް މިލިއަން ސަޕޯޓަރުންނާ އޭނާ މުއާމަލާތް ކުރަނީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ކަމަށާއި، ޓްވިޓަރއިން އޭނާގެ އެކައުންޓް ސަސްޕެންޑް ކޮށްފައިވަނީ ކޮންގްރެސް މެމްބަރުން ބިރުދައްކައިގެން ކަމަށެވެ.

ޓްވިޓަރއިން ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑްކުރިއިރު އޭނާގެ އެކައުންޓް 88 މިލިއަން މީހުން ފޮލޯކުރެއެވެ.

ޓްރަމްޕް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި، އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތާލިބާން ޖަމާއަތް އަފްޣާނިސްތާނުގެ ވެރިކަމަށް އަތްގަދަ ކޮށްފައިވާއިރު، އެ ޖަމާއަތަށްވެސް ޓްވިޓަރ އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ދީފައިވާކަން ފާހަގަ ކުރައްވާފައި ވެއެވެ.

އޭނާއަށް ފުރުސަތު ނުދީ، ތާލިބާނުންނަށް ޓްވިޓަރ ބޭނުންކުރުމުގެ ފުރުސަތު ދިނުމަކީ ތާކުންތާކުޖެހޭ ކަމެއް ނޫން ކަމަށްވެސް ދައުވާގައި ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

މިމައްސަލާގައި ޓްވިޓަރ ކުންފުނިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.