ދިރާގުން ހުޅުމާލެ ފޭސް 2 ގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ، އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭން ފަށައިފިއެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު އެޗްޑީސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދިރާގު ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު އަދި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ،

މި ހަފުލާގައި ދެ ކުންފުނީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައިއެވެ. އެގްރީމެންޓުގައި ސޮއިކުރެއްވުމަށްފަހު، ހިޔާ ފްލެޓްގައި ދިރާގު ޓީވީ އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ހޯއްދެވި އެންމެ ފުރަތަމަ ކަސްޓަމަރާ ވަނީ ބައްދަލުކުރައްވާފައިއެވެ.

މީގެ އިތުރުން ފަސޭހަކަމައިއެކު ކަސްޓަމަރުންނަށް ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޙިދުމަތަށް އެދުމަށް ދިރާގުގެ ޓީމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި މާދަމައިން ފެށިގެން 10 އޮކްޓޯބަރގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 15:30 އިން 18:30 އަށް ހަރަކާތްތެރިވަމުން ދާނެއެވެ.

ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އެޗް.ޑީ.ސީއާ ގުޅިގެން ހުޅުމާލެ ފޭސް 2 ގައި އާބަދުވަމުންދާ ރައްޔިތުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ފޯރުކޮށްދެވިގެން ދިޔުމަކީ އުފާވާ ކަމެއްކަމަށެވެ.

އެޗްޑީސީއާއެކު ސޮއިކުރި މިއެއްބަސްވުމާއެކު އެންމެ އިސްކަމެއް ދެނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަސްޓަމަރުންނަށް ދޭ ޚިދުމަތްތަކަކީވެސް މާލޭގެ އެހެން ސަރަޙައްދުތަކެކޭ އެއްގޮތަށް އެންފެންވަރެއްގައި، އަގުގެ ތަފާތެއްނެތި، އެއްއަގެއްގައި ދެވޭނޭ ޚިދުމަތްތަކެއްކަން ޔަޤީންކުރުންކަމަށް އޭނަ ވިދާޅުވިއެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އެންމެ ފުރަތަމަ އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް ފޯރުކޮށްދިން ކުންފުންޔަށް ދިރާގުވެގެން ދިޔުމާކީ ވަރަށް އުފާކުރާކަމެއްކަމަށެވެ.

އަމާޒަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ވާ ޑިޖިޓަލް ފަރަގު ކުޑަކުރުން ކަމުގައި ވުމުން، މިއީ ހުޅުމާލެ، ރާއްޖޭގެ އެންމެ ފުރަތަމަ "ސްމާޓް ސިޓީ" އަށް ވެގެން ދިޔުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ސުހައިލް ވިދާޅުވިއެވެ.

ދިރާގުން ވަނީ ހުޅުމާލޭގައި މީހުން އާބާދުވާން ފެށީއްސުރެއް އެންމެ ފުރަތަމަ އަސާސީ ޙިދުމަތް ދޭންފެށި ކުންފުނިތަކައިއެކު ދިރާގުގެ ޙިދުމަތް ފޯރުކޮށްދޭން ފަށާފައެވެ. އަދި މިއާއެކު މިހާރު ހުޅުމާލެ ފޭސް 1 ގައި ދިރިއުޅޭ 50،000 އަށް ވުރެ ގިނަ ރަށްވެހިންނަށް ދިރާގުގެ ޚިދުމަތައްތައް ދަނީ ފޯރުކޮށްމުންނެވެ.

އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ގިނަ ސަރވިސް ޕްރޮވައިޑަރުން ގުޅިގެން އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް އެއް ފައިބަރ ނެޓްވޯކެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.