ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ނޮޅިވަރަންފަރު ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިންގ ޕާކެއް ގާއިމްކޮށްފިއެވެ.

މި ރީޑިންގ ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ ނޮޅިވަރަމްފަރު ޔޫތް ޑިވެލޮޕްމަންޓް އިންނެވެ.

މި ޕްރޮޖެކްޓްގެ މަގްސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތްކިއުމުގެ ޝައުގުއުފެއްދުމާއި ފަސޭހަކަމާއެކު ފޮތްކިޔޭނެ މާހައުލެއް ގާއިމްކުރުމެވެ. މިތަނުގައި ބެހެއްޓިފައިވާ ފޮތް ހަރުގަނޑުތަކަކީ މޫސުމީ ބަދަލުގެ ސަބަބުން ގެއްލުން ނުވާނެހެން ހެދިފައިވާ ފޮތް ހަރުގަނޑުތަކެކެވެ. އަދި މިތަނުގައި ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަ ފޮތް ބެހެއްޓިފައިވެއެވެ. މިސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އިށީނުމަށް ބެންޗާއި، އުނދޯލި އަދި ގޯލިފަތި ވަނީ ބެހެއްޓިފައެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މިޕްރޮޕޯސަލް ކާމިޔާބު ކުރި ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓްގެ ފަރާތުން މުޙައްމަދު އާޞިފް ވިދާޅުވީ މި ރީޑިންގ ޕާކުގެ ސަބަބުން މުޅި ރަށަށްވެސް ނުހަނު ބޭނުންތެރި މަގްސަދެއް ހާސިލްވެގެންދާނެކަމަށެވެ.

ދަރިވަރުންނާއި، ޓީޗަރުންނާއި އަދި ބެލެނެވެރިން ހިމެނޭހެން އެރަށުގެ އާބާދީގެ 80 އިންސައްތަ ރައްޔިތުން ސްކޫލް ބޭނުންކުރަމުން ދިޔުމުގެ ސަބަބުން ރީޑިން ޕާކް ގާއިމްކުރެވިފައިވަނީ އެކަމަށް ވަރަށް އެކަށީގެންވާ ތަނެއްގައިކަން އޭނަ ފާހަގަކުރެއްވިއެވެ.

މި ޕްރޮޖެކްޓް ނިންމުމަށް ބީއެމްއެލްއިން ވެދެއްވި އެހީތެރިކަމަށްޓަކައި އާސިފް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށްކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިގޮތުން ކޮންމެ ކުއާޓަރއެއްގައި 5 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ކަނޑައެޅެއެވެ. އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން 1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެވެއެވެ.