ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން މިހާރު ވަނީ ޔަގީންކޮށްދީފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދިވެހިފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަންފެށުމުގެ ގޮތުން މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ މިހާރު މުޅި ދުނިޔެ ތަޖުރިބާ ކުރަމުންމިދާ ކޮވިޑް-19ގެ ދަތިކަމުގައި، އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފަތުރުވެރިކަމުގެ ސިނާޢަތަށް ކަމަށާއި އެގޮތުން ރިޒޯޓުތައް ހުއްޓުމަކަށް އައިކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ގެސްޓްހައުސްތައް ބަންދުކޮށް، ސަފާރީތައް ފަޅުގައި އަޅަންޖެހުނު ކަމަށާއި އެތައް ބައެއްގެ ވަޒީފާ ގެއްލުނު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި މި ސިނާޢަތުގެ 99 އިންސައްތަ މުވައްޒަފުން، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށާއި އަދި 92 އިންސައްތަ މުވައްޒަފުން ދެ ޑޯޒް ފުރިހަމަކޮށް، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން މިހާރު ވަނީ ޔަގީންކޮށްދީފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު، ރާއްޖޭގެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންކަން ފާހަގަކުރައްވާ މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލުގެ އިންޒާރު ދޭ މިންވަރު މިހާރު މިވަނީ އެތައް ގުނައެއް އިތުރުވެފައި ކަމަށް ވިދާޅުވެފައެވެ.
ތިމާވެށި ހިމާޔަތް ކުރުމުގައިވެސް ސަރުކާރުގެ ސިޔާސަތުތަކެއް އެބައޮތް ކަމަށާއި މިދިޔަ އަހަރު އަމަލުކުރަން ފެށި "ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން"ގެ އަމާޒަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް، ރާއްޖޭގައި ބޭނުންކުރުން، 2023ގެ ނިޔަލަށް ހުއްޓައިލުން ކަން ރައީސް ސާލިހް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރުކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.