ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ އަންހެން ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ބެޑްމިންޓަން ތަރިން، ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ އިން، ޓޭބަލް ޓެނިހުގައި މި ސަރަހައްދުގެ ގަދަ ބާރެއްކަމުގައިވާ ލަންކާގެ އެއްވަނަ ޕެއާގެ މައްޗަށް ކުރިހޯދައިފިއެވެ.

ލަންކާގެ އިޝާރާ މަދުރަންގީ އާއި ބިމާންދީ ބަންޑާރަގެ ޕެއާގެ މައޗަށް ރާއްޖޭގެ ޕެއާއިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. ދީމާ އާއި ރަފާ މެޗުގެ ސެޓުތައް ގެންދިޔައީ 11-8، 11-6 އަދި 12-10 އިންނެވެ. އިޝާރާ އަކީ ލަންކާގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާގެ ގޮތުގައި ރޭންކު ކުރެވިފައިވާ ކުޅުންތެރިޔާއެވެ. ބިމާންދީ އޮތީ ރޭންކިންގެ 4 ވަނައިގައެވެ.

ލަންކާގެ ޕެއާ ބަލިކޮށް އޭޝިއާ މުބާރާތުގެ ދެވަނަ ބުރަށް ދީމާ އާއި ރަފާގެ ޕެއާ ދަތުރުކުރި ނަމަވެސް، ދެވަނަ ބުރުގައި އެ ޕެއާ ކުޅެން ޖެހުނީ ހޮންކޮންގްގެ އުމުރުން ދޮށީ ދެ ކުޅުންތެރިން ކަމަށްވާ، ޒީހޫ ޗެންޗޫ އާއޮ އެން ވިންގް ނާމުގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން ހޮންކޮންގެ ޕެއާ މޮޅުވީ ސީދާ ތިން ސެޓުންނެވެ.

މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމު ވާދަކުރަމުން އަންނައިރު، އަންހެން ޓީމުން މީގެ ކުރިން ވަނީ ޓީމު އިވެންޓް ބައިގައި ގަތަރާއި ބަންގްލަދޭޝް ބަލިކޮށްފައެވެ. އެގޮތުން ގަތަރުގެ މައްޗަށް ރާއްޖޭގެ އަންހެން ޓީމުން ކުރިހޯދީ 3-1 އިންނެވެ. އަދި ބަންގްލަދޭޝް އަތުން ރާއްޖޭގެ އަންހެން ޓީމު މޮޅުވީ ފަސޭހަކަމާއެކު 3-0 އިންނެވެ.

މި ފަހަރުގެ އޭޝިއާ މުބާރާތުގައި ރާއްޖޭގެ ޓީޓީ ޓީމު ވާދަކުރާއިރު، މިއީ ކޮވިޑް-19 ގެ މެދުކެނޑުމަށްފަހު ބައިނަލްއަގުވާމީ މުބާރާތެއްގައި ގައުމީ ޓީޓީ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދުދެމުން އަންނަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި ގައުމީ ޓީޓީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސްއެވެ.