ކުރީގެ ރައީސް ރައީސް އަބްދުަﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް އަޑު އެހުމަށް، ރައީސް ޔާމީންގެ ފާރާތްޕުޅުން ހުށަހަޅުއްވާ ދިފާއީ އައު ހެއްކެއްގެ ގޮތުގައި ކުރީގެ ނައިބް ރައީސް އަހަމަދު އަދީބުގެ ވީޑިއޯ ރެކޯޑިންގ އެއް ހުށަހަޅުއްވައިފިއެވެ.

2015 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު ރެކޯޑް ކޮށްފައިވާ އެ ވީޑިއޯ ފައިލަކީ އަދީބުގެ އަތުގައި ޔާމީންގެ ފައިސާ ހުންނަ ކަން ސާބިތު ކުރުމަށް ޓަކައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވާ ހެއްކެކެވެ.

މިއަދުގެ ޝަރީއަތުގައި ރައީސްް ޔާމީންގެ ގާނޫނީ ވަކީލުން ފާހަގަ ކުރެއްވި ގޮތުގައި އަދީބުގެ ޔޫޓިއުބް ވީޑިއޯ ފައިލްގައި އަދީބު ވިދާޅުވަނީ ޔާމީންގެ ކެމްޕޭން ފައިސާ އަދީބު އަތުގައި ހުންނާނެ ކަމަށާއި އެ ފައިސާ މެނޭޖް ކުރައްވާ ކަމުގައެވެ.

ރައީސް ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވީ ހެކި ހުށަހަޅުއްވާފައި ވަނީ އަދީބުގެ އަތުގައި ޔާމީންގެ ފައިސާ ހުންނާނެ ކަން ސާބިތު ކޮށްދިނުމަށާއި އެއް މިލިއަން ޑޮލަރަކީ އެ ފައިސާ ދެއްވުމަށް އެދިވަޑައިގަތުމުން ދެއްވި ފައިސާއެއްކަން ސާބިތު ކުރަން ވެގެން ކަމަށެވެ.

މިކަން ސާބިތު ކުރަަން ޝަފަވީ ހެކިންގެ ގޮތުގައި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު އާއީ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްގެ ނަން ހުށަހެޅަފައިވެއެވެ.

ލީކުވެފައިވާ ތިން ގާޒީންގެ އޯޑިއޯ ވެސް ހުށަހަޅުއްވަން ކޯޓަށް ފޮނުއްވި ސިޓީގައި ބަޔާން ކޮށްފައިވީ ނަމަވެސް އެ ހެކިތައް އަނބުރާ ގެންދަވަން ވެސް ޔާމީންގެ ވަކީލުން ނިންމެވިކަން މިއަދުގެ އަޑުއެހުމުގައި ހާމަ ކުރެއްވިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.

އަދި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް ކަފާލާތުގެ ދަށުން މިނިވަން ކުރުމާ މެދު ގޮތެއް ނިންމުން މާދަމާ ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ރިޔާސަތުން ވިދާޅުވިއެވެ.