މަސްތުވާތަކެތީގެ މައްސަލައެއްގައި ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ޚާން ހައްޔަރު ކޮށްފިއެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ވަނީ އިއްޔެ ރޭގެ ވަގުތެއްގައި މުމްބާއީ ކޯސްޓުގައި އޮތް ކްރޫޒް ޝިޕެއްގައި ކުރިއަށް ދިޔަ ޕާޓީއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާރްޔަން ވަނީ ރޭގެ ވަގުތެއްގައި އެންބީސީގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލު ކޮށްފައެވެ. ގާނޫނާ ޚިލާފަށް ޑްރަގް ބޭނުން ކޮށްފައިވާ ކަމުގެ ތުހުމަތުގައި އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އާރްޔަން މިހާރު ވަނީ މެޑިކަލް ޓެސްޓު ހެދުމަށް ޖޭޖޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މެޑިކަލް ޓެސްޓުން އާރްޔަން ޑްރަގްސް ބޭނުންކޮށްފައިވާކަމަށް ޕޮޒިޓިވްވެއްޖެ ނަމަ އިލީގަލް ޑްރަގްސް ބޭނުންކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރާނެ ކަމަށާއި އެހިސާބުން މައްސަލަ ބަލަމުން ދާނީ ކޯޓުންކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އިންޑިޔާގެ މީޑިއާތަކުން އާންމުކޮށްފައިވާ ވީޑިޔޯގައި ފެނިގެން ދަނީ އާރްޔަން ޚާން އެންސީބީ އޮފީސް ތެރެއަށް ވައްދާ މަންޒަރެވެ. އަދި އެމީހުން ފަހަތުން ޕާޓީން ހިފެހެއްޓި ގިނަ ބަޔަކު އޮފީހަށް ވަންނަ މަންޒަރާއި ބަންދުކޮށްފައި ހުރި ޕްލާސްޓިކު ކޮތަޅަކާއި ސޫޓު ކޭހެއް އެންސީބީ އޮފިސަރަކު ވައްދާތަން ފެނިގެންދާއިރު މިއީ އެތަނުން އަތުލައިގަތް މަސްތުވާތަކެތި ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެންސީބީން އާރްޔަން ހައްޔަރުކުރީ އޭނަގެ އަމަލުތައް ހުރިގޮތުން ފުލަހަށް ތުހުމަތު ކުރެވޭތީ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އާރްޔަން ޚާނާއިއެކު ހައްޔަރު ކޮށްފައިވަނީ އިންޑިޔާގައި ނަން ހިނގާ ބޮޑެތި ވިޔަފާރިވެރިންގެ ދަރިން ކަމުގައިވެސް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައާއި ގުޅިގެން 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

މި ރެއިޑްގައި، އާރްޔަން ޚާންގެ އިތުރުން އަރްބާޒް މާޗަންޓް، މުންމުން ދަމޭޗާ، ނުޕޫރު ސަރިކާ، އިސްމީތު ސިންގް، މޮހާކް ޖަސްވަލް، ވިކްރާންތު ޗޯކަރް، ގޯމިތު ޗޯޕްރާ ހިމެނޭ ހެން، މުމްބާއި ކޯސްޓުގައި އޮތް ކްރޫޒެއްގައި ކުރިއަށްދިޔަ ޕާޓީއެއްގެ ތެރެއިން ރެއިޑުކޮށް ސުވާލުކޮށްފައިވާ ކަމަށް އެން އެން އައި ނޫހަށް މައުލޫމާތު ދެމުން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ޒޯނަލް ޑައިރެކްޓަރު ސަމީރު ވަންކާޑޭ ވަނީ ބުނެފައެވެ.

އެންސީބީން އިންޑިއާ ޓުޑޭ އަށް މައުލޫމާތު ދީފައިވާގޮތުގައި އާރްޔަންގެ ފޯނު އެފަރާތުގެ ބެލުމުގެ ދަށަށް ގެންދެވި މަސްތުވާތަކެތީގެ މައްސަލައާ ގުޅުމެއް ވޭތޯ ބަލަމުން އަންނަ ކަމުގައި ވަނީ ބުނެފައެވެ.

އެންސީބީ އިން މި ކްރޫޒް ރެއިޑުކޮށްފައިވަނީ އެއިދާރާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މަސްތުވާ ތަކެތީގެ މައްސަލައެއްގައި އާރްޔަން ހައްޔަރުކޮށްފައިވާއިރު މީގެ ކުރިން ޝާހް އޭނަގެ ދޮށީ ދަރިފުޅަކީ ވަރަށް ބަސް އަހާ ވިޔާނުދާ އެއްވެސް ކަމެއް ކުރާނެ ކުއްޖެއް ނޫންކަމަށް މީޑިޔާގައި ބުނެފައިވާ ވާހަކަތަކަށް މީހުން އަންނަނީ ފާޑު ކިޔަމުންނެވެ.

ޝާހުގެ ދަރިފުޅު ހައްޔަރުކުރުމާއި ގުޅިގެން ފިލްމް އިންޑަސްޓްރީގެ ފަންނާނުން އަންނަނީ ޝާހު ގެ މަންނަތަށް ޖަމާވަމުުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ސަލްމާން ޚާން ފާހަގަ ކޮށްލެވެއެވެ.