ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލުން ކުޅޭ ދެވަނަ މެޗުގައި މިރޭ ސްރީ ލަންކާ އާއި ދެކޮޅަށް ނުކުންނައިރު އެންމެ ބޮޑު ޓާގެޓަކަށް ކަނޑައަޅާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައި ލަންކާ ކުޅުންތެރިއަކަށް ރަތް ކާޑެއް ދައްކުވާ ދަނޑުން ބޭލުންކަމަށް ނޭޕާލް ޓީމުގެ ހެޑް ކޯޗް އަބްދުﷲ އަލް މުތައިރީ ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ޕްރީ މެޗް ކޮންފަރެންސްގައި ވާހަކަދައްކަމުން މުތައިރީ ބުނީ ލަންކާ މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށާއި އެގައުމާއި ދެކޮޅަށް ކުޅޭއިރު މައްސަލަތަކަކާއި ކުރިމަތިލާންޖެހޭނެކަން ގަބޫލުކުރާ ކަމަށެވެ. އަދި އުންމީދަކީ އެންމެ ދަށްވެގެން މެޗު އެއްވަރުކޮށްލާ ޕޮއިންޓެއް ހޯދުން ކަމަށްވެސް މުތައިރީ ބުންޏެވެ.

މުތައިރީ އިތުރަށް ބުނީ ލަންކާ އަކީ އެގްރެސިވް ގޭމެއް ކުޅޭ ޓީމެއްކަން ވަރަށް ރަނގަޅަށް އިނގޭކަމަށާއި އެކަމުގެ ފައިދާ ނަގައިގެން މިހާރުން ފެށިގެން ޓާގެޓަކީ ފުރަތަމަ ހާފުގައި އެޓީމުގެ ކުޅުންތެރިއަކަށް ރަތް ކާޑެއް ދައްކާ ދަނޑުން ބޭލުން ކަމަށެވެ.

" އަހަންނަށް އެނގޭ ލަންކާ ޓީމަކީ އެގްރެސިވް ބައެއްކަން. ހާއްސަކޮށް ޓެކްލް ކުރުމުގަ. އެހެންކަމުން އެންމެ ބޮޑު ފޯކަސް އެއް ދޭނީ ފުރަތަމަ ހާފުގެ ތެރޭގައި އެޓީމުގެ ކުޅުންތެރިއަކަށް ރާތް ކާޑެއް ދައްކުވާ ދަނޑުން ބޭލުމަށް. އެކަމުގެ ފައިދާ ނަގަން ވަރަށް މަސައްކަތް ކުރާނަން".
އަބްދުﷲ އަލްމުތައިރީ

މުބާރާތުގައި މިހާތަނަށް މި ދެޓީމުންވެސް އެއްމެޗު ކުޅެފައިވާއިރު އެންމެ ފުރަތަމަ މެޗުން ލަންކާ ވަނީ ބަންގްލަދޭޝް އަތުން ބަލިވެފައެވެ. ނޭޕާލްގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ރާއްޖޭގެ މައްޗަށް ކުރިހޯދާފައެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައިވެސް ނޭޕާލަށް ރާއްޖެ ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.

މެޗް-ޑޭ 2 ގައި މުބާރާތުގެ 4 ވަނަ މެޗުގައި ނޭޕާލް އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ 21:00 ގައެވެ.