ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ތުހުމުތަކުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ، އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނަވާ އެމިނިސްޓްރީގެ މުވައްޒަފުންތަކަަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާއެވެ. ޢަލީ ވަހީދު މި ޝަރީޢަތުގެ މަޖިލިސްތަކުގައި ބައިވެރިވެޑައިގަންނަވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށެވެ.

މިއަމުރު މިއަދު ނެރުއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއް ސުއޫދާއި އަލީ ރަޝީދު އަދި މުހައްމަދު އިބްރާހިމް ސޮއި ކުރެއްވުމަށްފަހުއެވެ.

މި މައްސަލައަކީ، އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ގޯނާގެ ހަތް ދައުވާގެ ޝަރީއަތުގައި، އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިން ކޮށް އޭނާއަށް ބައިވެރި ވެވޭ ގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ކުރިމިނަލް ކޯޓުން ނިންމުމުން، ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ޕީޖީން ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ. ނަމަވެސް އެ ކޯޓުން މި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

ޕީޖީ އޮފީހުން މި މައްސަލަ މަތީ ކޯޓުތަކަށް ހުށަހެޅީ ބައެއް އަޑުއެހުންތައް އޮންލައިން ކޮށް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ، ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން، ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަތަކުގެ އެއްވެސް އަޑުއެހުމެއް، އަދި ކްރިމިނަލް ކޯޓުން ބަލަމުން ގެންދާ އެނޫން މައްސަލައެއްގެ އަޑުއެހުމެއްވެސް ދައުވާ ލިބޭ ފަރާތް ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް، އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެން ދިއުމަށެވެ.

މިދިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތީ ކްރިމިނަލް ކޯޓުން އެކަމުގެ ހުއްދަ ދިނުމުންނެވެ.

އެހެން ނަމަވެސް ހުއްދަ އަލީ ވަހީދަށް ކޯޓުން ދިނީ އޭނާގެ ބަދަލުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ. ނަމަވެސް އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އަލީ ވަހީދުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދެވޭނެ ކަމަށް ނިންމީ، އިނގިރޭސިވިލާތުގައި ހުރެގެން އަލީ ވަހީދަށް ބައިވެރިވެވޭ ގޮތަށެވެ.

ނަމަވެސް ދައުލަތުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ގާނޫނީ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވިގެން ނުވާނެއެވެ. އެހެންކަމުން އެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

ނަމަވެސް، އެއީ އިސްތިއުނާފު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ. އަދި އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔައެވެ.

އެގޮތުން މިދިޔަ މަހުގެ 11 ވަނަ ދުވަހު އޮތް މައްސަލައިގެ ޝަރީއަތަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެންގުމުންވެސް، ޝަރީއަތަށް އަލީ ވަހީދު ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ 2 މަސް ދުވަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށްވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.