"ވާރލްޑް އިންވެސްޓަރ ވީކް" ގައި ބައިވެރިވުމުގެ ގޮތުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިއަހަރުވެސް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސީއެމްޑީއޭ ބުނެފިއެވެ.

ސީއެމްޑީއޭ ބުނީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު، ސެކިއުރިޓީޒް ރެގިއުލޭޓަރުންގެ ބައިނަލްއަގްވާމީ ޖަމްޢިއްޔާކަމަށްވާ އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސެކިއުރިޓީޒް ކޮމިޝަންސް އިން އޮކްޓޯބަރ މަހުގެ ފުރަތަމަ ހަފްތާގައި ފާހަގަކުރާ "ވާރލްޑް އިންވެސްޓަރ ވީކް" ގައި ބައިވެރިވުމުގެ ގޮތުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިއަހަރުވެސް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިހަފްތާ ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ، ފަހަށް ރައްކާކުރުމާއި އިންވެސްޓްކުރުމާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި، އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކޮށް އިތުބާރު އުފައްދައި ދެމެހެއްޓުން ކަމަށް ސީއެމްޑީއޭ އިން ބުނެއެވެ.

މިކަމުގެ ހަރަކާތްތައް ރާއްޖޭގައި ފެށުމުގެ ގޮތުން އެ އޮތޯރިޓީން ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވްއޮފިސަރ މުހައްމަދު ހުސައިން މަނިކުއެވެ.

މިއަހަރުގެ ހަރަކާތްތަކުގައި ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން މާލީ ދާއިރާގެ އެކި މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ.

އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންއޮފީހާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އާއި، އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް އިސްލާމިކް ބޭންކް ހިމެނެއެވެ.

މިއަހަރުގެ ވަރލްޑް އިންވެސްޓަރ ވީކްގެ ތެރެއިން ފައިނޭންޝަލް ސްކޭމްތަކާއި ފްރޯޑްއަށް އާންމުން ހޭލުންތެރިކުރުމަށް ހަމަޖެހިފައިވާއިރު މިކަމަށް އަލިއަޅުވާލާ އެ އޮތޯރިޓީގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވާހަކަ ދައްކަވާފައިވާ ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.

އެގޮތުން، ކޮވިޑް-19އާއި ގުޅިގެން މާލީ މުޢާމަލާތްކުރުމުގެ ކަންކަމުގައި ޓެކްނޮލޮޖީގެ ދައުރު ކުރިއަށް ވުރެ ފުޅާވެ، ސްކޭމްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ދުނިޔޭގެ ފެންވަރުގައި މިފަދަ ހަފްތާއެއް ފާހަގަކުރުމުގެ ބޭނުމަކީ ފައިނޭންޝަލް ލިޓަރަސީގެ މުހިންމުކަން އަންގައި ދިނުމަށާއި، އިންވެސްޓުކުރުމުގައި ބަލަންޖެހޭ އަސާސީ ކަންކަމަށް ދަރިވަރުންނާއި އާންމުން ހޭލުތެރިކުރުވުން ކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ހަފްތާގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، ކެޕިޓަލް މާރކެޓާއި، ފައިނޭންޝަލްލިޓަރަސީއަށް އާންމުން އަހުލުވެރިކުރުވުމުގެ މަމަގްސަދުގައި ފޭސްބުކް މެދުވެރިކޮށް އެއް ހަފްތާގެ މުއްދަތަށް އާންމުކޮށް ހުޅުވާލައިގެން ސޯޝަލް މީޑިއާ ކުއިޒް މުބާރާތެއް ސީއެމްޑީއޭ ފޭސްބުކް މެދުވެރިކޮށް ހިންގުމާއި، އާންމުންނާއި، ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުންނަށް ކެޕިޓަލް މާރކެޓާ ގުޅޭ މައުލޫމާތާއި ފަހަށް ރައްކާކުރުން އަދި އިންވެސްކުރެވޭނެ ގޮތްތަކާގުޅޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް ސީއެމްޑީއޭ އިން ބުނެއެވެ.