އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިރޭ ނޭޕާލް އާއި ދެކޮޅަށް ނުކުންނަ މެޗުން ސްރީ ލަންކާއަށް މޮޅުވެވޭނެ ކަމަށް އެޓީމުގެ ކޯޗް އާމިރު އަލަގިޗް ބުނެފި އެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާމިރު ބުނީ ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ބަލިވީ ޓީމު ދެރަކޮށް ކުޅެގެން ނޫން ކަމަށާއި އެއީ ރެފްރީ ހެދި ގޯހެއްގެ ސަބަބުންކަމަށް ބުނެފައެވެ.

އެގޮތުން މެޗުގައި ބަންގްލަދޭޝް އަށް ލިބުނު ޕެނަލްޓީ އާއި ހަމައަށް، އަދި އެޓީމުގެ މުހިންމު ޑިފެންޑަރު ޑަކްސަން ޕުލާސް އަށް ދެއްކި ރަތްކާޑާއި ހަމައަށް ލަންކާ ޓީމުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، އިދިކޮޅު ޓީމަށް ދިން ޕެނަލްޓީ އަކީ ގޯސް ނިންމުމެއްކަމަށް ގަބޫލުކުރާކަން އާމިރު ހާމަކުރިއެވެ.

"މެޗަށް ބަލާލާއިރު، ޑަކްސަން އަށް ދެއްކި ރަތްކާޑާއި ހަމައަށް އަހަރުމެން ދެއްކީ ވަރަށް ކޮމްޕެޓިޓިވް މޮޅު ކުޅުމެއް. ރަތްކާޑުގެ ކުރިންވެސް ކުޅުންތެރިންނަށް އަނިޔާވެގެން އެކި ވަގުތުތަކުގައި ކުޅުންތެރިއަކު ދަނޑުމަތީގައި މަދުކޮށް ކުޅެން ޖެހުނު. އެކަމަކު އެވަގުތު ތަކުގައިވެސް ޓީމުން އެޓޭކިންގ މޮޅު ގޭމެއް ކުޅުނު. އުޒުރު ދައްކަނީއެއް ނޫން. އެކަމު މެޗުން ބަލިވީ ރެފްރީ ހެދި ގޯހެއްގެ ސަބަބުން. އެހެންވީމަ މި ބުނަނީ އެދުވަހު މެޗުން ބަލިވީ ޓީމު ދަށްކޮށް ކުޅެގެންނެއް ނޫން".
އާމިރު އަލަގިޗް

އާމިރު އިތުރަށް ބުނީ ގޮންޖެހުން ތަކާއެކު އެމެޗުން ލަންކާ ބަލިވިނަމަވެސް މިމެޗުގައި ޓީމު ނުކުންނާނީ ފުރިހަމަ ސްކޮޑަކާއެކު ކަމަށާއި އެހެންކަމުން ނޭޕާލް އާއި ދެކޮޅަށް ނުކުންނައިރު ނޭޕާލަށް ވަކިން އެޑްވާންޓޭޖެއް ނެތްކަމަށެވެ. ސަބަބަކީ ނޭޕާލް ރާއްޖެ އަތުން މޮޅުވީ ކުޅުންތެރިން ހަމަކޮށް ތިބެ، މޮޅު ކުޅުމެއް ދައްކައިގެން ކަމަށާއި، ލަންކާވެސް ރެފްރީ ގޯސް ނުހެދިނަމަ ރަނގަޅު ފައިޓެއްދީ މެޗުން މޮޅުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

މި މުބާރާތުގައި ލަންކާ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބަންގްލަދޭޝުން ލަނޑު ޖެހީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލާއި ސްރީލަންކާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.