ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު އެންމެފަހުގެ ޗެމްޕިއަން މެންޗަސްޓަރ ސިޓީ އާއި ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުގައި ލިވަޕޫލުގެ ތަރި މުހަންމަދު ސަލާހް ކާމިޔާބުކުރި ލަނޑު، ލިވަޕޫލުގެ ސަޕޯޓަރުންގެ ހަނދާނުގައ 60 އަހަރުވާއިރުވެސް ހުންނާނެކަމަށް އެޓީމުގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލުން ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މިމެޗުގައި ދެޓީމުންވެސް ލަނޑުތައް ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ލިވަޕޫލުންނެވެ. ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި މިލަނޑު ޖަހާފައިވަނީ ސަޑިއޯ މާނޭއެވެ. އެހެންނަމަވެސް އޭގެ 10 މިނެޓުފަހުން ފިލް ފޯޑެން ވަނީ ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ދެވަނަ ފަހަރަށް ލިވަޕޫލަށް ލީޑު ނަގައިދިން ލަނޑު ސަލާހް ކާމިޔާބު ކުރީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ބޭރުގައި ހުރެފައި ސިޓީގެ ތިން ކުޅުންތެރިން ކައިރިން ވަރަށް ރީތިކޮށް ނަށްޓާލުމަށްފަހު އޭރިއާ ތެރޭގައި ހުރި ސިޓީގެ އައިމެރިކް ލަޕޯޓް ކައިރިންވެސް ނަށްޓާލުމަށްފަހު ގޯލުގެ ދުރުކަނުގެ ދަނޑީގައި ޖައްސާލުމަށްފަހު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ސަލާހް ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

ގޯލުގެ ތެރެއަށް ސަލާހް ބޯޅަ ފޮނުވާލަނީ- ފޮޓޯ:- ގެޓީ އިމޭޖަސް

ސަލާހްގެ ލަނޑަށް ގިނަބަޔަކު ތައުރީފު ކުރަމުންދާ މިދަނޑިވަޅުގައި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކްލޮޕް ބުނީ، މިލަނޑަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ނުވަތަ ލިއޮނަލް މެސީ ޖެހި ލަނޑެއްނަމަ، މުޅި ފުޓުބޯޅަ ދުނިޔެ އެފުއް މިފުށަށް ޖަހާނެކަމަށެވެ. އެހެންމަވެސް މީހުން މިލަނޑު ފާހަގަކޮށް އެވާހަކަ ނުދެއްކިއަސް މިއީ ތައުރީފު ހައްގު "ވޯލްޑް ކްލާސް" ގޯލެއް ކަމަށް ކްލޮފް ބުނެފައިވެއެވެ.

އަދި ލިވަޕޫލްގެ ވެރިންނާއި ކޯޗުން އަދި ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންވެސް ކުރިއަށް އޮތް 50-60 އަހަރުގެ ތެރޭގައި މި ލަނޑުގެ ވާހަކަދައްކާނެ ކަމަށް ކްލޮޕް ބުންޏެވެ.

ސަލާހްގެ ލަނޑާއެކު ލިވަޕޫލް މެޗުން މޮޅުވާން ދަނިކޮށް ސިޓީއަށް އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ކެވިން ޑިބްރޫނޭ އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ 81 ވަނަ މިނެޓުގައެވެ.

މިނަތީޖާ އާއިއެކު ލިވަޕޫލަށް ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގައި ލިބެނީ 7 މެޗުން 15 ޕޮއިންޓާއެކު ދެވަނަ އެވެ. ތިންވަނައިގައި ސިޓީ އޮތީ 14 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި ވާދަވެރި މެންޗަސްޓަރ ޔުނައިޓެޑްވެސް އޮތީ 14 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި 7 މެޗުން 16 ޕޮއިންޓާއެކު އޮތީ ޔޫރަޕުގެ ޗެމްޕިއަން ޗެލްސީ އެވެ.