މިފަހަރުގެ ހޫނުމޫސުމުގެ ޓްރާންސްފަރ ވިންޑޯގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ލިއޮނެލް މެސީ ބަދަލުވިފަހުން ޕީއެސްޖީ ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގައި ޕީއެސްޖީ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މި ސީޒަންގެ ފްރެންޗް ލީގުގައި ޕީއެސްޖީ އަށް މެޗަކުން މޮޅު ނުވެވުން ފުރަތަމަ ފަހަރުވެސް މެއެވެ. އެހެންނަމަވެސް ޗެމްޕިއަންސް ލީގުގައި ކްލަބް ބްރޫޖް އަތުން ޕީއެސްޖީ އެއްވަރުވެފައި ވެއެވެ.

އެންމެފަހުން ޕީއެސްޖީ މެޗަކުން ބަލިވެފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ހޯދި ލިލް އަތުންނެވެ.

އާދިއްތަ ދުވަހުގެރޭ ރެން އަތުން ޕީއެސްޖީ ބަލިވިނަމަވެސް މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް މުޅި މެޗުގައި ޕީއެސްޖީން 13 ހަމަލާއެއް އުފައްދާފައިވާއިރު ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. މުޅި މެޗުގެ 68 އިންސައްތަ ޕޮޒެޝަން ކޮންޓްރޯލް ކުރީވެސް ޕީއެސްޖީންނެވެ.

މިމެޗުގައި ރެން އިން ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައެވެ. ކަމަލްދީން ސުލެމާނާ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގައެޓަން ލަބޯޑެވެ. އަދި ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ލަބޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން ފްލަވިއެން ޓެއިޓް ވަނީ ލަނޑެއް ޖަހައި، ރެންއަށް ލީޑު ފުޅާކޮށްދީފައެވެ.

މިހާތަނަށް ޕީއެސްޖީ އަށް 5 މެޗު މެސީ ކުޅެދީފައިވާއިރު އޭނާއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ލަނޑެކެވެ. އެއީ ޗެމްޕިއަންސް ލީގުގައި މެންޗަސްޓަރ ސިޓީ އާއި ދެކޮޅަށްކުޅެ ޕީއެސްޖީ މޮޅުވި މެޗުގައި މެސީ ކާމިޔާބުކުރި ލަނޑެކެވެ.

ޕީއެސްޖީ އާއިއެކު މެސީ އަށް އަދި އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވިނަމަވެސް މިހާތަނަށް އެކުލަބުން ލީގުގައި ކުޅުނު 9 މެޗުން 24 ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ލެންސް އޮތީ 18 ޕޮއިންޓާއެކުއެވެ. ރެން އަށް 12 ޕޮއިންޓާއެކު ލިބެނީ 11 ވަނަ އެވެ.

ޕީއެސްޖީ ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މިމަހުގެ 16 ވަނަ ދުވަހު އެންޖާސް އާއި ދެކޮޅަށެވެ.