ބުންޑަސްލީގާގައި އަމިއްލަ ދަނޑުގައި އެންމެފަހުން ކުޅުނު 30 މެޗުންވެސް ބަލިނުވެ ބަޔާން އިން ދަމަހައްޓަމުން އައި ރެކޯޑަށް އެއިންޓްރެކްޓް ފްރެންކްފަޓް އިން ނިމުން ގެނެސްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން 1-2 ގެ ނަތީޖާއަކުން ބަޔާން ބަލިވިއިރު މިއީ މިސީޒަނުގެ ލީގުގައި ބަޔާން ބަލިވި ފުރަތަމަ މެޗެވެ.

ބަޔާން އާއި ފްރެންކްފާޓް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މެޗުން ބަޔާން ބަލިވިނަމަވެސް އެޓީމުން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މުޅި މެޗުގެ 73 އިންސައްތަ ޕޮޒެޝަން ބަޔާން އިން ޑޮމިނޭޓުކުރިއިރު މެޗުގައި 20 ހަމަލާއެއް އުފައްދާފައިވެއެވެ. އަދި 10 ހަމަލާއެއް ވަނީ ގޯލާއި އަމާޒުވާ ގޮތަށް ފޮނުވާލާފައެވެ.

އެއާ ހިލާފަށް ފްރެންކްފާޓަށް މެޗުގައި އުފެއްދިފައި ވަނީ 5 ހަމަލާއެކެވެ. އަދީ އޭގެއިން ގޯލާއި އަމާޒުވާގޮތަށް ފޮނުވާލާފައިވަނީ އެންމެ 3 ހަމަލާއެކެވެ.

މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ބަޔާން އިންނެވެ. ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިއޯން ގޮރެޓްޒްކާ އެވެ.

އެހެންނަމަވެސް ހާފު ނިމުމުގެ ކުރިން ފްރެންކްފާޓުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ހާފުގެ 32 ވަނަ މިނެޓުގައި ފިލިޕް ކޮސްޓިޗް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިން ހިންޓަރެގާއެވެ. މި މެޗުގައި ފްރެންކްފަޓުން ލީޑު ނަގާފައިވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ. އޭރީއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޮސްޓިޗެވެ.

މި ނަތީޖާއާއެކުވެސް ތާވަލުގެ އެއްވަނައިގައި އޮތީ ބަޔާނެވެ. އެއްވަނައިގައި އޮތް ބަޔާނާއި ދެވަނައިގައި އޮތް ބަޔާ ލެވަކޫސެނަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މީގެ އިތުރުން ބަޔާން ބަލިކުރި ފްރެންކްފަޓް އޮތީ ތާވަލުގެ 13 ވަނައިގައި ހަތް މެޗުން އަށް ޕޮއިންޓާއެކުއެވެ.

މެޗުން ބަޔާން ބަލިވިއިރު އެންމެ ފަހުން އަމިއްލަ ދަނޑުގައި ލީގު މެޗަކުން ބަޔާން ބަލިވެފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި މިއީ 2000 ވަނަ އަހަރަށްފަހު ބަޔާން އަތުން ފްރެންކްފަޓް ހޯދި ފުރަތަމަ މޮޅެވެ.