ސާފް ޗެމްޕިއަންޝިޕުގައި ހޯމަ ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އިން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

މުބާރާތުގެ ފޭވަރިޓުން ކަމަށް މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއްގެވެސް ކޯޗުން އިއްތިފާގުވާ އިންޑިއާ އާއި ދެކޮޅަށް ކުޅެ ބަންގްލަދޭޝް އިން މުހިންމު ޕޮއިންޓެއް ހޯދި މިމެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.

ބަންގްލަދޭޝް ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ނުރައްކާތެރި ހަމަލާތަކެއް އިންޑިއާގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ.

އެހެންނަމަވެސް މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އިންޑިއާ އިންނެވެ. ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އުދަންތާ ސިންގ ޖައްސާލި ޕާހަކުން އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސުނިލް ޗެތްރީ އެވެ.

އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- އަދަދު

ދެޓީމުގެ ފަރާތުންވެސް އެޓޭކިންގ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ބަންގްލަދޭޝްގެ ބިޝްވަނާތް ގޯޝް އަށް ވަނީ ރަތްކާޑެއް ދައްކާފައެވެ. ދެވަނަ ހާފުގައި މެޗުގެ 54 ވަނަ މިނެޓުގައި އޭނާ އަށް މި ރަތްކާޑު ދެއްކީ، މުޅިން ހުސްކޮށް ހުރެ އިންޑިއާގެ ކުޅުންތެރިއަކު ގޯލާއި ދިމާލަށް ދަނިކޮށް، ފަހަތުން އޭނާގެ ގައިގައި ހިފާ ވައްޓާލުމާއި ގުޅިގެންނެވެ.

ރަތްކާޑާއެކު ބަންގްލަދޭޝަށް މެޗުގައި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ބެލެވުނު ނަމަވެސް، ކާޑަށްފަހު ބަންގްލަދޭޝް ޓީމު ފެނިގެންދިޔައީ ވަރަށް ރޭވުންތެރިކަމާއެކު ކުޅެމުންދިޔަތަނެވެ.

ނަތީޖާއަކަށްވީ 74 ވަނަ މިނެޓުގައި އުމުރުން އެންމެ 18 އަހަރުގެ ޔާސިން އަރަފާތުގެ ލަނޑުން ބަންގްލަދޭޝް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިއީ ޒުވާން ޑިފެންޑަރުގެ ކެރިއަރުގައި އޭނާ ބަންގްލަދޭޝްގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑުކަން ފާހަގަކޮށްލެވެއެވެ.

މެޗުން ހޯދި ޕޮއިންޓާއެކު ބަންގްލަދޭޝް ވަނީ މިހާތަނަށް ކުޅުނު ދެމެޗުން ޖުމްލަ 4 ޕޮއިންޓު ހޯދާފައެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް މޮޅުވީ ސްރީ ލަންކާ އަތުންނެވެ. މިއާއެކު ވަގުތީ ގޮތުން ބަންގްލަދޭޝް ވަނީ ޕޮއިންޓު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ.

މިއީ މިފަހަރުގެ މުބާރާތުގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗެވެ. އިންޑިއާގެ ދެވަނަ މެޗުގައި މިމަހުގެ 10 ވަނަ ދުވަހު ނޭޕާލާއި ދެކޮޅަށް ނުކުންނާނެއެވެ.