ކޮވިޑްބައްޔަށް ފަރުވާއެއްގެ ގޮތުން އުފައްދައި އަޖުމަ ބެލުމުގެ މަރްހަލާގައި އުޅޭ މަރކް އެންޑް ކޯގެ ބޭސް ގަތުމަށް ދުނިޔޭގެ ގައުމުތަކުން އަވަސްވެގެންފިއެވެ.

މަރކް އެންޑް ކޯއަކީ އެމެރިކާގެ ބޭސް އުފައްދާ ކުންފުންޏެވެ.

އެ ކުންފުނިން ކޮވިޑް ބަލިމީހުންނަށް އުފެއްދި ބޭސް އަދި އަޖުމަ ބެލުމުގެ މަރްލަހާގައި އުޅޭއިރު، ޚާއްސަކޮށް އޭޝިޔާގެ ގައުމުތަކުން ދަނީ މިބޭސް ގަތުމަށް އަވަސް މަސައްކަތްތަކެއް ކުރަމުންނެވެ. މިލިސްޓަށް އެންމެފަހުން އިތުރުވެންދިޔައީ ތައިލެންޑެވެ.

ތައިލެންޑް ސަރުކާރުން ގެންދަނީ، މަރކް އެންޑް ކޯއިން އުފެއްދި ކޮވިޑްބޭހުގެ ދެލައްކަ ގުޅަ ގަތުމަށް އޯޑަރުދިނުމުގެ އެއްބަސްވުމަކަށް ދިއުމަށް އެ ކުންފުންޏާއެކު ވާހަކަ ދައްކަމުންނެވެ.

މަރކް އެންޑް ކޯއިން ބޭހެއް ތަރައްގީކޮށް އަޖުމަ ބެލުމުގެ މަރްހަލާގެ މަސައްކަތް ކުރަމުން ގެންދާއިރު، އެކުންފުންޏާ ވާދަވެރި ފައިޒަރ ކުންފުންޏާއި، ސްވިސް ރޮޝޭ ހޯލްޑިންގ އޭޖީންވެސް ގެންދަނީ ކޮވިޑަށް ފަރުވާއެއްގެ ގޮތުގައި ދިނުމަށް ބޭހެއް އުފައްދައި އަޖުމަ ބެލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންނެވެ.

މިހާތަނަށް އަޖުމަ ބެލުމުގެ މަސައްކަތް ކުރަމުންދާ ހުރިހާ ބޭހަކީވެސް ކާބޭހެވެ.

ކޮންމެ ކުންފުންޏަކުވެސް މަސައްކަތް ކުރަމުން ގެންދަނީ، ކޮވިޑް ޖެހުމުން ފަރުވާއެއްގެ ގޮތުގައި ދޭ ބޭސް އެންމެ ފުރަތަމަ އުފައްދާ ކުންފުންޏަށް ވުމަށެވެ.

ފައިޒަރއިން ތަރައްގީ ކޮށްފައިވާ ކޮވިޑް ބޭހަށް އަދި ރަސްމީ ނަމެއް ދީފައެއް ނުވޭ،، ވަގުތީގޮތުން ކިޔަނީ "ޕީއެފް-07321332" އެވެ.

ނަމަވެސް، މަރކް އެންޑް ކޯގެ ބޭހަށް ދީފައިވާ ނަމަކީ "މޮލްނުޕިރަވިއަރ" އެވެ.

ތައިލެންޑްގެ އިތުރުން، ދެކުނު ކޮރެއާ، މެލޭޝިޔާ، ފިލިޕީންސް އަދި ޓައިވާނުންވެސް ގެންދަނީ މިބޭސް ގަތުމަށް މަޝްވަރާ ކުރަމުންނެވެ.

މިބޭހުގެ ޑިމާންޑް ބޮޑުވެގެންދިޔައީ، ހުކުރު ދުވަހު އާންމުކުރި ކްލިނިކަލް ޓްރައިލްގެ ވަގުތީ ނަތީޖާއިން، އެ ބޭހުގެ ސަބަބުން ކޮވިޑްޖެހޭ މީހުންގެ ތެރެއިން މަރުވާ ރޭޓާއި، ބަލީގައި ބޮޑުވަރުވުމާއި، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ ރޭޓް 50 އިންސައްތަ ދަށްކުރެވޭކަން ހާމަކުރުމާ ގުޅިގެންނެވެ.

ކޮވިޑް ބޭސް ގަތުމަށް އޭޝިޔާގެ ގައުމުތަކުން އަވަސް އަރުވާލައިގެން މަސައްކަތް މިފެށީ، ކޮވިޑަށް ވެކްސިންތައް އުފައްދައި، ވެކްސިން ހޯދުމަށް ކުރެވުނު މަސައްކަތުގައި އޭޝިޔާގެ ގައުމުތައް ފަހަތަށް ޖައްސާލައި ހުޅަނުގެ ގައުމުތަކުން ކުރި ހޯދާފައި ވުމުންނެވެ.