އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ހަތަރުވަނަ މެޗުގައި ހޯމަ ދުވަހުގެރޭ ސްރީ ލަންކާގެ މައްޗަށް އަތްގަދަކޮށް ނޭޕާލުން މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމުގެ އުންމީދު ބޮޑުކޮށްފިއެވެ.

ނޭޕާލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗު ނޭޕާލުން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ނޭޕާލުންނެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސުމަން ލަމާއެވެ.

މެޗުގައި ދެޓީމުންވެސް މޮޅު ކުޅުމެއް ދައްކާފައިވާއިރު ދެޓީމަށްވެސް ވަނީ ލަނޑުޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެންގޮސްފައެއް ނުވެއެވެ.

ދެވަނަ ހާފުގައިވެސް ފުރަތަމަ ލަނޑުޖަހާ ލީޑު ފުޅާކުރީ ނޭޕާލުންނެވެ. 57 ވަނަ މިނެޓުގައި އަންޖަން ބިސްޓާ މިލަނޑު ކާމިޔާބު ކޮށްދިންއިރު އޭގެ 6 މިނެޓުފަހުން ލަންކާއިން ވަނީ ލަނޑެއްޖަހާ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިނގިރޭސިވިލާތަށް އުފަން މިޑްފީލްޑަރު މާވިން ހެމިލްޓަން އެެވެ. މާވިން ލަންކާގެ ގައުމީ ޓީމަށް ރަސްމީކޮށް ކުޅެން ފެށި 2021 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ލުބުނާނާއި ދެކޮޅަށް ކުޅުނު މެޗުންނެވެ.

ނޭޕާލުން އަނެއްކާވެސް ލީޑުފުޅާކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވާން 4 މިނެޓަށް ވެފައި ވަނިކޮށެވެ. ލަންކާއިން މެޗުގައިޖެހި ފަހު ލަނޑަކީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ 4 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިއީ އޭރިއާ ތެރެއިން ނޭޕާލުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލަންކާ އަށް ލިބުނު ޕެނަލްޓީއެކެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިލިއަން ޑަސިލްވާ އެވެ.

މިނަތީޖާ އާއިއެކު ނޭޕާލް ވަނީ ދެމެޗުން 6 ޕޮއިންޓު ހޯދައިގެން ނޭޕާލް އޮތީ ޕޮއިންޓު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތީ މިއަދު ހަވީރު އިންޑިއާ އާއި ދެކޮޅަށްކުޅެ އެއްވަރުވި ބަންގްލަދޭޝް އެވެ. ބަންގްލަދޭޝް އަށް ދެމެޗުން 4 ޕޮއިންޓު ލިބިފައިވެއެވެ. ތިންވަނައިގައި އިންޑިއާ އެއްމެޗުން އެއް ޕޮއިންޓާއެކު އޮތްއިރު ހަތަރުވަނައިގައި ރާއްޖެ އޮތީ އެއްމެޗުން ޕޮއިންޓެއް ނުލިބިއެވެ. ފުލުގައި ލަންކާ އޮތީ ދެމެޗުން ޕޮއިންޓެއް ނުލިބި ގެއްލުން ދެ ގޯލާއި އެކުއެވެ.