ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހްމަދު މުޢުތަސިމް އަދުނާންގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައި ބަހުސްކުރަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.
މަޖިލީހުގެ ޖަލްސާއަށް މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ސިރާޖު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް، 6 މެއިގައި ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް މިހާރުވެސް ގެންދަވަނީ ފަރުވާ ހޯއްދަވަމުން ކަމަށެވެ.
ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ހަމަލާ ދެވިފައިވަނީ ސެކިއުރިޓީ ބްރީޗް ވެގެން ކަމަށާއި، މިހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ހިންގުނު ޕާލިމަންޓަރީ އިންކުއަރީއިން އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ 6 މެއި ގައި ހަމަލާ ދެވިފައިވަނީ ސަލާމަތީ ޚިދުމަތް ފޯރުކޮށްދިނުމުގައި ބަލަންޖެހޭ ކަންކަން ބަލަންޖެހޭ މިންވަރަށް ބެލިފައިނުވާތީ ކަމުގައި މެމްބަރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތްކުރީ މަސްތުވާތަކެތީގެ ސިކާރައަކަށް ވެފައިވާ ފަރާތެއްކަމުގައި ބުނެ ކަންކަން ނިންމާލެވޭ ވަރަށްވުރެ ކަންކަން މިހާރު ސީރިއަސްކޮށް ނަގަންޖެހޭ ހިސާބަށް މިހާރު ގައުމުގެ ހާލަތު ވަނީ ގޮސްފައިވާ ކަމެއްކަމަށް މެމްބަރު ސިރާޖް ހުށަހެޅުއްވި މައްސަލާގައި ބުނެފައެވެ.
ޖަލްސާގައި ތިއްބެވި 29 މެންބަރުންގެ ތެރެއިން 28 މެންބަރުން ވޯޓާއިއެކު އެ މައްސަލައިގެ ބަހުސް މިހާރު ވަނީ ކުރަން ފަށާފައެވެ.