އުޒްބެކިސްތާނުގެ ވެރިރަށް ޓަޝްކެންޓުގައި ކުރިއަށްދާ 12 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2021 އިން ރާއްޖޭގެ ދެ ބޮޑީބިލްޑުން ރިހި މެޑަލް ހޯދައިފިއެވެ.

މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ގައުމަށް މި ފަޚުރު ހޯދައިދިނީ މުޙައްމަދު މޫސާ އާއި މުޙައްމަދު ރަޝީދު އެވެ. މުބާރާތުގައި ރާއްޖޭގެ ހަ ބޮޑީބިލްޑަރުން ވާދަކުރެއެވެ. އެއީ މުޙައްމަދު މޫސާ އާއި މުޙައްމަދު ރަޝީދުގެ އިތުރުން، އަޒްނީން ރަޝީދާއި، ހުސެއިން ހިމްޔާނާއި، ފަތުހުﷲ މުޙައްމަދު އަދި އިބްރާހީމް ނަބީލެވެ.

ރިހި މެޑަލް ހޯދި ބޮޑީބިލްޑަރުންގެ ތެރެއިން މުޙައްމަދު މޫސާ ރިހި މެޑަލް ހޯދާފައިވަނީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީންނެވެ. މި ފަހަރުގެ މުބާރާތުން މުޙައްމަދު މޫސާ ރިހި މެޑެއްޔެއް ހޯދިއިރު، ދެކުނު ކޮރެއާގައި 2019 ވަނަ އަހަރު ބޭއްވި 11 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި އޭނާ ވަނީ ހަމަ މި ކެޓަގަރީން ލޯ މެޑެއްޔެއް ހޯދާފައެވެ.

އަދި މުޙައްމަދު ރަޝީދު ރިހި މެޑަލް ހޯދީ 65 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީގައި ވާދަކޮށްގެންނެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތާކުން މުޙައްމަދު ރަޝީދު ހޯދި ފުރަތަމަ މެޑެއްޔެވެ.

މި އަހަރުގެ ދުނިޔޭގެ މުބާރާތުގައި ރާއްޖޭގެ ހަ ބޮޑީބިލްޑަރުން ވާދަކުރަމުން އަންނައިރު، މި މުބާރާތުގައި ވާދަކުރާ ގައުމީ ޓީމު އެކުލަވާލާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ބޭއްވި ސިލެކްޝަނުންނެވެ.