އެސްޓްރަޒެނެކާއިން ތަރައްގީކޮށް އުފައްދާފައިވާ، ކޮވިޑް ބަލިޖެހުމުން ސަލާމަތްކޮށް ދިފާއުކޮށްދޭ ބޭހަށް އިމަޖެންސީ ހުއްދަ ދިނުމަށް އެދި އެ ކުންފުނިން އެމެރިކާގެ ފޫޑް އެންޑް ޑްރަގްސް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅައިފިއެވެ.

އެސްޓްރަޒެނެކާއަކީ، ދުނިޔޭގައި ކޮވިޑް ބަލިން ދިފާއުކޮށްދޭ ވެކްސިނެއް ތަރްގީކޮށް އުފެއްދި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެއް ވެސް މެއެވެ.

ކޮވިޑްބަލިން ދިފާއުކޮށްދިނުމަށް އެސްޓްރަޒެނެކާއިން ތަރައްގީކޮށްފައިވަނީ އެންޓިބޮޑީ ތެރަޕީއެއް ހިމެނޭ ޓްރީޓްމަންޓެކެވެ. އެ ތެރަޕީގެ ނަމަކީ "އޭޒެޑްޑީ7442" އެވެ.

މި ތެރަޕީއަކީ، ޚާއްސަކޮށް ކޮވިޑް ވެކްސިން ޖަހައިގެން ބަލިން ދިފާއުވުން ކުޑަ މީހުންނަށް ރައްކާތެރި އަދި އިފެކްޓިވް ބޭހެއް ކަމަށް އެސްޓްރަޒެނެކާއިން ބުނެއެވެ.

އެސްޓްރަޒެނެކާއިން ވަނީ، 5،000 މީހުން ބައިވެރިކޮށްގެން މިބޭހުގެ އަޖުމަ ބަލާފައެވެ.

އަޖުމަ ބެލުންތައް ނުވަތަ ކްލިނިކަލް ޓްރައިލްސްގެ އެންމެ ފަހުގެ މަރްހަލާގެ މައުލޫމާތު އެމެރިކާގެ ފޫޑް އެންޑް ޑްރަގްސް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާފައި ވާއިރު، އެ މައުލޫމާތުތައް ދައްކާގޮތުން، އެސްޓްރަޒެނެކާއިން އުފެއްދި ކޮވިޑްބޭސް ބޭނުންކުރާ މީހުންގެ ކިބައިން ކޮވިޑްބަލީގެ އެއްވެސް އަލާމާތެއް ފެނުން ނުވަތަ ބަލިޖެހުމުގެ ރިސްކް 77 އިންސައްތަ ކުޑަކޮށްދެއެވެ.

"އޭޒެޑްޑީ7442" އަށް އެމެރިކާއިން ހުއްދަ ދީފިނަމަ އެކަން ވެގެންދާނީ އެސްޓްރަޒެނެކާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކާމިޔާބީއަކަށެވެ.

ސަބަބަކީ، މިއީ، ކޮވިޑުން ދިފާއުކޮށްދޭ ފުރަތަމަ ބޭހަށް ވެގެންދާތީއެވެ.

ކޮވިޑުން ދިފާއުވުމަށް ދުނިޔޭގައި މިވަގުތު ޖަހަމުންދަނީ ހަމައެކަނި ވެކްސިނެވެ.

އެސްޓްރަޒެނެކާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކުންފުނިން އުފެއްދި ކޮވިޑްބަލިން ދިފާއުކޮށްދޭ ބޭސް ގަތުމަށް އެމެރިކާ ސަރުކާރުގެ އިތުރުން، ދުނިޔޭގެ އެހެން ގައުމުތަކުންވެސް މިހާރު އެ ކުންފުންޏާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެކަމަކު، އެސްޓްރަޒެނެކާއިން އުފައްދައި، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭނުންކުރަމުންދާ ކޮވިޑް ވެކްސިނަށް އެމެރިކާއިން އަދިވެސް ހުއްދައެއް ނުދެއެވެ. އެމެރިކާގެ ކަމާބެހޭ އިދާރާއިން މިހާރު ތައްޔާރުވަމުންދަނީ އެސްޓްރަޒެނެކާގެ ވެކްސިނަށް ހުއްދަ ދިނުމަށެވެ.