ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ ވަރަށް ބޮޑަށް އޮޅުވާލައިގެންކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުން ނިންމުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ދައުލަތުން ވަކާލާތު ކުރަމުން ދަނީ މުޅި ދުނިޔެ ދަންނަ މަފްހޫމްއާ ޚިލާފު މަފްހޫމެއް ކަމަށެވެ.

އެގޮތުން، ރައީސް ޔާމީންގެ މައްޗަށް ކުރާ ތުހުމަތުގައި މަނީ ލޯންޑަރ ކުރެވޭ ގޮތްތައް ކަމުގައިވާ ފައިސާ އޮޅުވާލުމާއި ސައްޚަ ފައިސާ ގޮތުގައި ދައްކަން ފައިސާ އެނބުރުމުގެ އެއްވެސްކަމެއް ހިނގާފައިނުވާ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ޖަމީލް ވިދާޅުވީ، ކަފާލާތުގެ ހައްގު ރައީސް ޔާމީނަށް ލިބެން ޖެހޭކަމަށާއި އެހެންވިޔަސް ދެ އަހަރެއްހާ ދުވަހު ޖަލު ހުކުމުގައި ހުންނެވުމުން އޭގެ މުއާލާތް ކެނޑިފައިވާ ކަމަށެވެ.

އަޅުގަނޑުގެ މުވައްކިލަކަށް މިވަގުތު ކަފާލާތު މުހިންމެއް ނޫން. ސަބަބަކީ މިހާރު އެމަނިކުފާނު ޖަލު ހުކުމުގައި ހަގީގަތުގައި ދެ އަހަރެއްހާ ދުވަސް ހޭދަކުރައްވައިފި. އެހެންވީމަ ކަފާލާތުގެ މުއާމަލާތް ކެނޑިއްޖެ. ކަފާލަތާއް އަޅުގަނޑުމެން އެދުނީ ދިވެހިރާއްޖޭގެ ހައި ކޯޓުގެ މަރުހަލާގަ އޭރު އެކަމަށް މުހިންމު ވެގެން.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

އަވަސް މުއްދަތެއްގައި މައްސަލަ ނިންމާނެކަމަށް ބުނެ ކަފާލާތް ދެވެން ނެތްކަމަށް ހައި ކޯޓުން ބުނި ނަމަވެސް، މައްސަލަ ނިމިގެން ދިޔައީ އޭގެ އަހަރެއްހާ ދުވަސް ފަހުންކަން ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކަފާލާތަކީ އިސްތިއުނާފީ ހައްގާއި ގުޅިފައިވާ ހައްގަކަށް ވާތީ، އިސްތިއުނާފު ހައްގު ދިގުދެމިގެން ދާނަމަ، އެ މީހެއްގެ ހުކުމް ބަދަލުވެގެން އަތުވެއްޖެކަމަށް ވާނަމަ، އެމީހަކު ޖަލުގައި ހޭދަކުރި މުއްދަތުގެ ބަދަލު ދޭނެ ގޮތަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަފާލާތު ދިނުމުގައި ބަލާ އެއްކަންކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އެކަން އެއްފަރާތްވުމަށްޓަކައި، ދުނިޔޭގެ ސުޕްރީމް ކޯޓު ތަކުންނާއި އެހެން ތަންތަނުން ގޮތް ތަކެއް ކަނޑައަޅަނީ. އަޅުގަނޑު ނެތިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ނިންމެވި އެއްޗަކަށް އެއްޗެކޭ ބުނާކަށް. އަޅުގަނޑުގެ އަމިއްލަ ރައުޔަކީ ހަގީގަތުގަ ހަމަ މިއަދުވެސް އެއީ ދެވެން ޖެހޭ ހައްގެއް. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގަ ވަރަށް ސާފު ސަރީހަކޮށް އެ ހައްގުތައް އެގޮތަށް ދެވޭނެ ކަމަށް އެބަ ބަޔާން ކުރޭ. ވަކި ގާނޫނެއް ނެތުމަކީ ހަގީގަތުގަ މި ހައްގު ނުދެވޭނެ ސަބަބެއް ނޫން.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖޫރިމަނާގެ މައްސަލަ ތަންފީޒުކުރުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހުން ފައްޓާފައިވާކަން ފާހަގަކުރައްވާ ޑރ. ޖަމީލް ވިދާޅުވީ، އެއީ ރައީސް ޔާމީންގެ ވަކީލުންގެ މައިގަނޑު ކަންބޮޑުވުން ކަމަށެވެ. އަދި މިހާތަނަށް އައިއިރު ސުޕްރީމް ކޯޓުގެ މަރުހަލާ ދިޔަ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، މައްސަލަ މިހާތަނަށް ގެންދިޔައީ ވަރަށް އިންސާފުވެރިކޮށް ކަމަށެވެ. އެހެންކަމުން މި މަރުހަލާގައި ރައީސް ޔާމީން ބަރީއަވެގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނުކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެމައްސަލައިގެ ޙުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމާއި، ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް އެދި ކޯޓަށް ހުށަހެޅުއްވި ހުށަހެޅުންތަކަށް ބަލާއިރު، ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށް ދެވެން ނެތް ނަމަވެސް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފައެވެ.