ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ ފުރަތަމަ ވެބް ސީރީޒްގެ ބަތަލުގެ ރޯލު ކުޅޭނީ މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވި އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޮލީވުޑް ޚަބަރުތައް ގެނެސްދޭ އެކި މީޑިޔާ ޕްލެޓްފޯމް ތަކުން ބުނީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ސީރީޒްގެ މަންޒަރުތައް ނަގާނީ އިންޑިޔާގެ ބޯޕާލްގައި ކަމަށެވެ.

ޔަޝްރާޖުން އުފައްދާ މި ވެބް ސީރީޒަކީ އިންވެސްޓިގޭޓިވް ތުރިލާއެއް ކަމަށް މީޑިޔާތަކުން ރިޕޯޓްކުރެއެވެ. ނަމެއް އަދި ދީފައި ނުވާ ސީރީޒްގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝިވް ރަވައިލް އެވެ.

އޭނާ އަކީ "ލަވް ސްޓޯރީ" އާއި "ބޭތާބު" އަދި"ސަމަންދަރު" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ކުރީގެ ޑައިރެކްޓަރު ރާހުލް ރަވައިލްގެ ދަރިއެކެވެ.

ކުރިން މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝިވް ރަސްމީކޮށް ޑައިރެކްޝަނަށް ނިކުންނަން އޮތީ ވައިއާރްއެފުން ހަދަން ނިންމާފައިވާ ބޮޑު ބަޖެޓަކުން ހަދާ ސުޕަހީރޯ ފިލްމަކުންނެވެ.

އޭގެ ކާސްޓުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ ކޮއްކޮ އަހާން ޕާންޑޭ އާއި 2018 ގެ މިސް ވޯލްޑް މަނޫޝީ ޗިއްލަރް ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެެއެވެ.

ނަމަވެސް މި ވަގުތަށް އެ ފިލްމުގެ މަސައްކަތް މަޑުޖައްސާލައި، ބާބިލްއާ އެކު ޝިވް ވެބް ސީރީޒްގެ މަސައްކަތް ފަށަން ނިންމީ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ މަޝްވަރާގެ މަތިންކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަކީ އެ ސްޓޫޑިއޯގެ މިހާރުގެ ވެރިޔާ އެވެ.

"ދޫމް 3" އާއި "ތަގްސް އޮފް ހިންދުސްދާން" ފަދަ ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ޝިވް ވަނީ ވައިއާރްއެފްގެ މަސައްކަތް ކޮށްފައެވެ.

ވައިއާރްއެފުން ހަދާ ސީރީޒް އާއި ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް އަދި އެ ސްޓޫޑިއޯ އިން ހާމަކޮށްފައި ނުވި ނަމަވެސް ބެލުންތެރިންނަށް އެ ވެބް ސީރީޒް ގެނެސްދޭނީ އެތަނުގެ ސްޓްރީމިން ޕްލެޓްފޯމަކުން ކަމަށް މީޑިއާތަކުން ބުނެއެވެ.

ވައިއާރްއެފްގެ ފުރަތަމަ ވެބް ސީރީޒުން ބާބިލް އަށް ފުރުސަތު ލިބުނު އިރު، އޭނާ ތައާރަފު ކުރާނީ ބަތަލާ އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކުރާ ނެޓްފްލިކްސްގެ ފިލްމު "ޤަލާ" އިންކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރިޕްތީ ދިމްރީ ބަތަލާގެ ރޯލު ކުޅޭ އެ ފިލްމަކީ އަންވިތާ ދަތު ޑައިރެކްޓްކުރާ ފިލްމެކެވެ.

ފިލްމު އިއުލާންކުރީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.