ސާފް ޗެމްޕިއަންޝިޕުގެ މެޗްޑޭ-3 ގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގައި ހޯސްޓިންގ ގައުމު ކަމަށްވާ ދިވެހިރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުތައް ކަޅުބާޒާރުގައި ދިވެހިން ބޮޑުއަގުގައި ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކަން ފަށައިފިއެވެ.

ވީޓީވީގެ "ވީސްޕޯޓްސް ޓޯކް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވީ ދުނިޔޭގެ ފުޓުބޯޅައިގައި ހޯސްޓު ގައުމުގެ ޓީމު ކުޅޭ މެޗުތަކުގައި އަވޭ ޓީމުގެ ސަޕޯޓަރުންނަށް ވިއްކާނީ 20 އިންސައްތަ ޓިކެޓެވެ.

އަދި ސާފް ޗެމްޕިއަންޝިޕުގައި މެމްބަރު ހުރިހާ ގައުމަކުން މަޝްވަރާކުރުމަށްފަހު ވަކި އަދަދަކަށް ޓިކެޓު ވިއްކުމަށް ވަނީ ނިންމާފައެވެ.

މިއީ ހަމައެކަނި ސާފް ޗެމްޕިއަންޝިޕުގައި ނުވަތަ ރާއްޖޭގައި ކަންކުރާ ގޮތެއް ނޫނެވެ. ފުޓުބޯޅައިގެ އެންމެ ގަދަރުވެރި ހައިބަތުބޮޑު މުބާރާތްތަކުގައިވެސް ހޯސްޓު ކުރާ ގައުމަކަށް ނިސްބަތްވާ ސަޕޯޓަރުންނަށް ވަކި އިންސައްތައެއްގެ ޓިކެޓު ވިއްކުމަށް ކަނޑައަޅާނެއެވެ.

މި އުސޫލުގެ ދަށުން ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގެ ޓިކެޓުތައްވެސް މިއަދު ވިއްކަން ފަށާފައިވާއިރު، ޓިކެޓް ވިއްކަން ފެށިތާ 3 ގަޑީރުގެ ތެރޭގައި ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ 20 އިންސައްތަ ޓިކެޓް ވަނީ ވިކި ހުސްވެފައެވެ. މިއާއެކު ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ގަލޮޅު ދަނޑު ސަރަހައްދުގައި ހިތްހަމަނުޖެހުން ފާޅުކޮށް ހަމަނުޖެހުން ހިންގާފައެވެ.

އެހެންނަމަވެސް ބައެއް ދިވެހިން ވަނީ ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކަން ހާއްސަކޮށްފައިވާ ޓިކެޓުތައް ބޮޑު އަގުގައި ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކަން ފަށާފައެވެ. އެފްއޭއެމް އިން މެޗުތަކަށް ގޮނޑިބަރީގެ ޓިކެޓެއް 100 ރުފިޔާއަށް ވިއްކާއިރު ސިޑިބަރިން ޓިކެޓެއް ވިއްކަނީ 75 ރުފިޔާއަށެވެ. ކަޅުބާޒާރުގައި މިއަދު ހެނދުނު ސިޑިބަރީގެ ޓިކެޓެއް 200 ރުފިޔާއަށް ވިއްކަމުން ދިޔައިރު ހަވީރު ވީއިރު ޓިކެޓުގެ އަގުތަށް ކަޅުބާޒާރުގައި ވަނީ 1000 ރުފިޔާއަށްވުރެވެސް މައްޗަށް އަރާފައެވެ.

މިކަން ހާމަވުމާއެކު އެފްއޭއެމް އިންވަނީ މިކަންކުރުން ހުއްޓުވުމަށްޓަކައި ކޮންމެހެން ދޭންޖެހުނު އިންޒާރެއްދީ ހަރުކަށި ފިޔަވަޅެއް އަޅާފައެވެ. އެގޮތުން އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުގައި އެހެން ގައުމެއްގެ ސަޕޯޓަރުންނަށް ކުޅިބަލަން ނުވަދެވޭނެ ކަމަށެވެ. އަދި އެހެން ގައުމެއްގެ ސަޕޯޓަރުން ދަނޑަށް ވައްދާނީ ވޯކް ޕާމިޓް / ވިސާ ދެއްކުމުން ކަމަށްވެސް ބުނެފައިވެއެވެ. އެފްއޭއެމް އިންވަނީ މި ބަޔޔާން ދިވެހިބަހުންނާއި އިނގިރޭސިބަހުން އަދި ތަމަޅަ ބަހުން ލިޔެ މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.

ގިިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅޭއިރު ބަންގްލަދޭޝް އަކީ މީގެއިން އެންމެ ގިނަ ބަޔަކު ރާއްޖޭގައި ދިރިއުޅޭ ގައުމެވެ. އެހެންކަމުން މީގެކުރިންވެސް ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ޓިކެޓުތައް ވިކި ހުސްވާނެކަމަށް ބެލެވުނުއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހިންނަށް ވިއްކާ ޓިކެޓުވެސް މިހާރު ވަނީ ވިކި ހުސްވެފައެވެ.

އެހެންކަމުން ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗުގައި ގަލޮޅު ސަޕޯޓަރުން ވަދެ ފުރާލާނެކަމަށް ބެލެވެއެވެ. މިމެޗު ކުޅޭނީ މިމަހުގެ 7 ވާ ބުރާސްފަތި ދުވަހުގެރޭ 21:00 ގައެވެ.