ސާފް ޗެމްޕިއަންޝިޕުގައި ބުރާސްފަތި ދުވަހު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ބަންގްލަދޭޝް އާއި ދެކޮޅަށް ނުކުންނަ މެޗުގައި ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކާފައިވަނީ 200 ޓިކެޓު ކަމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގައިވެސް މުބާރާތްތަކުގައި އަމަލުކުރާ ގޮތަކީ މުބާރާތް ހޯސްޓު ކުރާ ގައުމެއްގެ ސަޕޯޓަރުންނަށް ބޮޑު އިންސައްތަ އެއްގެ ޓިކެޓް ވިއްކުން ކަމަށެވެ. ބައެއް ހާލަތްތަކުގައި 20 އިންސައްތަ އަވޭ ޓީމުގެ ސަޕޯޓަރުންނަށް ވިއްކާއިރު އަނެއް 80 އިންސައްތަ ޓިކެޓް ވިއްކަނީ ހޯމް ޓީމުގެ ސަޕޯޓަރުންނަށެވެ.

އެފްއޭއެން އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވާގޮތުން ސާފް ޗެމްޕިއަންޝިޕުގައި ބޭނުންކުރާ ގަވައިދަކީ ސާކްގެ ހުރިހާ ގައުމަކުން މަޝްވަރާކޮށް އެއްބަސްވެފައިވާ ގަވައިދެކެވެ. މި ގަވައިދުގައި ވާގޮތުން ހޯމް ޓީމް ކުޅޭ މެޗުތަކުގައި އަވޭ ޓީމުގެ ސަޕޯޓަރުންނަށް ވިއްކަން ނިންމާފައިވަނީ 200 ޓިކެޓެވެ. އަދި މިއީ މީގެކުރިން ބާއްވާފައިވާ 12 ސާފް ޗެމްޕިއަންޝިޕް މުބާރާތުގައިވެސް ބޭނުންކުރަމުން އަންނަ ގަވައިދުކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހުގެރޭ ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގައި ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކުމަށް ކަނޑައަޅާފައިވާ 200 ޓިކެޓު ވަނީ މިހާރު ވިކި ހުސްވެފައެވެ. މިއާއެކު އެ ސަޕޯޓަރުން އެކި ގޮތްގޮތުން ޓިކެޓު ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބައެއް ދިވެހިން ވަނީ ގިނަ އަދަދެއްގެ ޓިކެޓު ގަނެ، ކަޅުބާޒާރުގައި މި ޓިކެޓުތައް ބޮޑު އަގުގައި ބިދޭސީންނަށް ވިއްކަން ފަށާފައެވެ. އެގޮތުން 1000-2000 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައި މި ޓިކެޓުތައް ދަނީ ވިއްކަމުންނެވެ.

މިކަން އެނގުމާއެކު އެފްއޭއެމްއިން ވަނީ ދިވެހިންނަށް ވިއްކާ ޓިކެޓުގައި ބިދޭސީ ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭނެކަމަށް ބުނެ ވަރުގަދަ އިންޒާރެއް ދީފައެވެ. މިގޮތަށް ނިންމީ ދެ ސަބަބެއް އޮވެގެންކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން އެއް ސަބަބަކީ ކަޅު ބާޒާރުގައި އަގުބޮޑުކޮށް ޓިކެޓު ވިއްކުން ހުށްޓުވުން ކަމަށާއި މިގޮތަށް ޓިކެޓު ވިއްކުމަކީ އެފްއޭއެމް އިން އެއްވެސް ވަރަކަށް ބާރުއަޅާ ކަމެއް ނޫންކަމަށް އެފްއޭއެމް އިން ބުނެއެވެ.

ދެވަނަ ސަބަބެއް ކަމުގައި އެފްއޭއެމް އިން ބުނެފައިވަނީ މުބާރާތުގެ ގަވައިދުގައިވާގޮތުން ކޮންމެ ޓިމެއްގެވެސް ސަޕޯޓަރުންނަށް މެޗުބެލުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވަނިކޮށް، ދިވެހިންނަށް ވިއްކާ ޓިކެޓުގައި އަވޭ ޓީމުގެ ސަޕޯޓަރުން ދަނޑަށް ވަދެ، ދިވެހި ސަޕޯޓަރުން ތިބޭ ސަރަހައްދުގައި ތިބުމުގެ ސަބަބުން ދިމާވެދާނެ ސަލާމަތީ މައްސަލަތަކުން ރައްކާތެރިވުމެވެ.

އެފްއޭއެމުން އާންމުކޮށްފައިވާ ބަޔާން

އަވޭ ސަޕޯޓަރުންނަށް މަދު އަދަދެއްގެ ޓިކެޓު ވިއްކުމަކީ ހަމައެކަނި ސާފް ޗެމްޕިއަންޝިޕުގައި ނުވަތަ ރާއްޖޭގައި ކަންކުރާ އުސޫލެއް ނޫނެވެ. މިއީ ފުޓުބޯޅައިގައި އެންމެ ހައިބަތު ބޮޑު މުބާރާތްތަކާއި އެންމެ ވަރުގަދަ މެޗުތަކުގައިވެސް ކަންކުރާ އުސޫލުތަކެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ކުޅޭނީ މިމަހުގެ 7 ވާ ބުރާސްފަތި ދުވަހުގެރޭ 21:00 ގައެވެ.